މިހާރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރާ ފެތުންތެރިން އިތުރު ތިން ރެކޯޑެއް މުގުރާލައިފިއެވެ.

މިފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ދެ ކުޅިވަރަކުން ވާދަކުރަމުންދާ އިރު، އެއީ ސްވިމިންނާއި އެތުލެޓިކްސްއިންނެވެ. ސްވިމިން އެތުލީޓުން ވަނީ މީގެ ކުރިންވެސް ހަތަރު ރެކޯޑެއް މުގުރާލައިފައެވެ. މިފަހަރު ތިން ރެކޯޑެއް މުގުރާލި އިރު، މުހައްމަދު އާން ހުސައިނާއި މުހައްމަދު ރިހާން ޝިހާމް، އަމްނާ ތަޒްކިޔާ މިރްސާދު އަދި މިރާލް އައިން ލަތީފް ހިމެނުނު ޓީމުން ވަނީ ލޯންގްކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑު މުގުރާލައިފައެވެ.

އޭގެ އިތުރުން ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު، ލޫތު އާކޮށްފައިވާ އިރު، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް ރެކޯޑުވެސް ތަޒްކިޔާ ވަނީ އާކޮށްފައެވެ.

ތަޒްކިޔާ ރެކޯޑު ހެދީ އެއް މިނެޓް، 2.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑު އޮތީވެސް ތަޒްކިޔާ އަތުގައެވެ. އެއީ 2025 ވަނަ އަހަރު ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކް ޗެމްޕިއަންޝިޕްގައި އެއް މިނެޓް، 3.97 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ލޫތު، އޭނާގެ ރެކޯޑު އާކުރީ 31.54 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން 2025 ވަނަ އަހަރު ރޮމޭނިއާގައި ކުރިޔަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކަސް ޖޫނިއާ ސްވިމިންގް ޗެމްޕިއަންޝިޕްސްގައި ލޫތު ރޭސް ނިންމީ 31.81 ސިކުންތުންނެވެ.

ރާއްޖޭގެ ރިލޭ ޓީމުން ރެކޯޑު ހެދީ ހަތަރު މިނެޓު. 0.64 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެ ރެކޯޑަކީ ކުރިން 2025 ވަނަ އަހަރު ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ހަދާފައިވާ ރެކޯޑެވެ. އެ ރެކޯޑު އެފަހަރު ހަދާފައި އޮތީ ހަތަރު މިނެޓު، 4.21 ސިކުންތުން ރޭސް ނިންމައިގެންނެވެ.