ކ. މާފުށީގައި މިއަދު ޕެރަސެއިލިން ކުރަމުންދަނިކޮށް، މޫސުން ގޯސްވެ ހިނގި ހާދިސާއެއްގައި ފަތުރުވެރިއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރަސެއިލް ތިރިކުރަން އުޅުމުގެ ތެރޭގައި، ޓޯ ލައިން ކަނޑައިގެން ގޮސް ވަޔާ ދިއުމުގެ ސަބަބުން ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު އޭގައި ތިބީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި ފިރިހެން މީހާގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އިތުރަށް ބަލަމުންދާ ކަމަށެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މިއަދު މެންދުރުފަހު 3 ޖެހުމާހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ހުދު އެލާޓް ނެރެފައެވެ.