ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ކަނޑުއޮތްގިރިން އައިސް ލިބުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މިފްކޯގެ އުފެއްދުންތައް މާލެ ސަރަހައްދުގެ ބާޒާރަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، 25 ޓަނުގެ އައިސް ޕްލާންޓާ އެކު ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުހާނާއަކާއި އައިސް ޕްލާންޓެއް ހުޅުވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އެ ކާރުހާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާނެ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ ރިހާކުރާއި މުގުރި މަސް ފަދަ ބާވަތްތައްވެސް މިތަނުން އުފައްދަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.

27 ޖުލައި 2026: ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފެށުން --- ފޮޓޯ/ މިފްކޯ

މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް މީގެ ކުރިން ވިދާޅުވި ގޮތުގައި، ކަނޑުއޮތްގިރީގައި މި ހިދުމަތް ފެށުމަކީ މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ސަޕްލައި ކުރުމުގައި ކުރިމަތިވާ ލޮޖިސްޓިކް ދަތިތަކަށް ލިބުނު ވަރަށް ބޮޑު ހައްލެއް ކަމަށެވެ.

"މީގެ ކުރިން ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެއަށް ތަކެތި ގެނައުމުގައި ދަތިތަކެއް ހުރޭ. އެކަމުގެ ސަބަބުން ބައެއް ފަހަރު ފިހާރަތަކުން މުދާ ހުސްވޭ. އެކަމަކު މި ކާރުހާނާއާއެކު މާލެ ސަރަހައްދުގެ ބާޒާރަށް މެދުނުކެނޑި ތަކެތި ފޯރުކޮށްދެވޭނެ،" އަނަސް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ކޫއްޑޫގެ އުފެއްދުންތައް ދެކުނުގެ އަތޮޅުތަކަށް ހާއްސަކުރުމުގެ ފުރުސަތު ލިބި، ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

މިފްކޯއިން ބުނީ މި ކާރުހާނާ ފަރުމާކޮށްފައިވަނީ ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުތަކަށް ފެތޭނެހެން، ކޮލިޓީ ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކަކާއެކު ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު މިފްކޯއާ އަލުން ހަވާލުކުރި ކަނޑުއޮތްގިރީގައި މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، އެ ރަށަކީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓު ކުރާ މައި ހަބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މިފްކޯއިން ބުންޏެވެ.