ޕާކިސްތާނުން ޕޯލިއޯ ބަލި މުޅިން ނައްތާލުމަށް ތާރީހީ ފުރުސަތެއް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކީ މިކަމަށް އެންމެ މުހިންމު ވަގުތު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނީ، އެ ޖަމިއްޔާގެ އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ޑރ. ހަނާން ބަލްހީ އިސްވެ ހުންނަވައި، ޕޯލިއޯ އޯވަސައިޓް ބޯޑު (ޕީއޯބީ) ގެ ވަފުދެއް ޕާކިސްތާނަށް ކުރެއްވި ޒިޔާރަތަށް ފަހު ނެރުނު ބަޔާނެއްގައެވެ. ޑރ. ބަލްހީ ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކާއި ލިބެން ހުރި ހެކިތަކަށް ބަލާއިރު، ޕޯލިއޯ ވައިރަސް ފެތުރުން ހުއްޓުވުމުގެ ހަގީގީ ފުރުސަތު އެ ގައުމަށް އެބައޮތެވެ.

ޕާކިސްތާނުގެ ސިއްހީ އިދާރާތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ މިހާތަނަށް އެ ގައުމުން ފެނިފައިވަނީ ޕޯލިއޯގެ އެންމެ ތިން ކޭހެވެ. އަދި މިހާރު މި ވައިރަސް ފެތުރެމުންދަނީ ހަމައެކަނި ހައިބަރު ޕަހްތުންހުވާ ޕްރޮވިންސްގެ ދެކުނުގެ ސަރަހައްދުތަކުގައެވެ.

ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި ޕާކިސްތާނުން ޕޯލިއޯ ޖެހޭ މިންވަރު 99.8 އިންސައްތަ ދަށްކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޑރ. ބަލްހީ ވިދާޅުވި ގޮތުގައި، މި ކާމިޔާބީ ހާސިލުކުރެވޭނީ ކުރިއަށް އޮތް މަސްތަކުގައި ވެކްސިން ދިނުމުގެ މަސައްކަތްތަކާއި ބަލި ފެތުރޭތޯ ބެލުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށްގެންނެވެ. އަދި މި މަސައްކަތް ހުއްޓާލައިފިނަމަ، އޭގެ ސަބަބުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.

ޕާކިސްތާނަކީ ދުނިޔޭގައި ޕޯލިއޯ ބަލި އާންމުކޮށް ފެތުރެމުންދާ ކަމަށް ރެކޯޑުކުރެވިފައިވާ އެންމެ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ގައުމަކީ އަފްގާނިސްތާނެވެ. ޕާކިސްތާނުގެ ވެކްސިން ދިނުމުގެ ކެމްޕޭނުގައި 4 ލައްކައަށް ވުރެ ގިނަ ސިއްހީ އެހީތެރިން ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން ގިނައީ އަންހެނުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. މީގެ އިތުރުން، ޕާކިސްތާނުގައި ޕޯލިއޯ މޮނިޓަރުކުރުމަށް 12،500 އަށްވުރެ ގިނަ ރިޕޯޓިން ސައިޓާއި 127 އެންވަޔަރަމެންޓަލް ސަވޭލަންސް ސައިޓު ގާއިމުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.