ފުޓުބޯޅަ ހާލަތު ގޯސްކޮށް އޮތް އިޓަލީން އަލުން އަނބުރާ ކުރީގެ ފެންވަރަށް ދާން މަސައްކަތް ކުރާ ކުރުމުގައި އިތުރު އުނދަގޫތަކަކާ ދިމާވެއްޖެއެވެ.

އިޓަލީގެ ފުޓުބޯޅަ އިދާރާ ހިންގުމަށް ދާދިފަހުން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ އިރު، އެގައުމު ފުޓުބޯޅައިގެ މުހިއްމު ދެ ރޯލާ ދާދިފަހުން ހަވާލުވި ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ޕައުލޯ މަލްޑިނީއާއި ލިއެނާޑޯވެސް ވަނީ މަގާމު ދޫކޮށްލައިފައެވެ.

އިޓަލީ ފުޓުބޯޅަ އިދާރާއިން ދާދިފަހުން މަލްޑިނީއާ ހަވާލުވީ އެގައުމުގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ މަގާމެވެ. އެއީ މިމަހު 11 ވަނަ ދުވަހުއެވެ. މަލްޑިނީގެ އެޑްވައިޒަރަކަށް ލިއެނާޑޯވެސް އެފަހަރު ހަމަޖައްސާފައިވާ އިރު، އޭނާވެސް ވަނީ މަލްޑިނީއާއެކު މަގާމު ދޫކޮށްލައިފައެވެ.

މަލްޑިނީއާއި ލިއެނާޑޯވެސް މަގާމު ދޫކޮށްލަން ނިންމާފައި ވަނީ އެގައުމުގެ ކޯޗުކަމާ ހަވާލުވުމަށް ކުރީގެ މަގުބޫލު ކުޅުންތެރިޔާ އަންދްރޭއާ ޕިރްލޯއަށް ހުށަހެޅި ހުށަހެޅުންވެސް ކާމިޔާބު ނުވި ހިސާބުންނެވެ. ހަބަރުތައް ބުނީ އިޓަލީ ފެޑަރޭޝަނުން ޕިރްލޯއާ ކޯޗުކަން ހަވާލުނުކުރަން ނިންމާފައި ވަނީ ރަޝިއާގެ ބެޓިން ކުންފުންޏަކާ އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ. އެ ނިންމުން ނިންމީ، ފެޑްރޭޝަންގެ ރައީސް ކަމަށްވެސް ނޫސްތައް ބުނެއެވެ.

މަލްޑިނީއާއި ލިއެނާޑޯގެ އިސްތިއުފާއާއެކު އިޓަލީ ފެޑަރޭޝަންގެ އާ ރައީސް ޖިއޮވާނީ މަލާގޯއަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައެވެ. އިޓަލީގެ ކޯޗުކަމަށް ޕެޕް ގާޑިއޯލާއާއި ކާލޯ އެންޗެލޮޓީ ގެންދަން މަސައްކަތް ކޮށްފައިވީ ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ.