ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން މިއަދު ބުނީ ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 3:30 އާ ހަމައަށް ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށް ރަށަށް އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މިއަދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2-5 ފޫޓު ދެމެދުގައެވެ.

މޫސުން ގޯސްވަމުންދާތީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ ދެ ދުވަހު ވެސް ވަނީ ދިޔަވަރު ބޮޑުވި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރައިފައެވެ.