ތަނެއްގައި ސޭވްކޮށްފައި ހުންނަ ފައިސާ ނަގައިގެން ބޭނުން ކުރުމަށް، ފައިސާ ޗާޕް ކުރުމެކޭ ނުކިޔޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓްރީއިން ހުށަހެޅި، ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް ޕެންޝަން އޮފީހުން ނިންމި ނިންމުމަކީ، ފައިސާ ޗާޕުކުރުމުގެ މުއާމަލާތަކީ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އިގުތިސޯދީ ބައެއް މާހިރުން ކީ ފާޑުކިއުންތަކަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްދު ދެއްވަމުންނެވެ.
ފަލާހު ވިދާޅުވީ އެކަމަކީ ފައިސާ ޗާޕްކުރުން ނޫން ކަމަށެވެ.
"މި ސަރުކާރުން ފައިސާ ޗާޕް ނުކުރީމާ މިހާރު މިދައްކަނީ ޕެންޝަން ފަންޑުން 2.5 ބިލިޔަން ރުފިޔާގެ ކޮންމެސް ފައިސާތަކެއް ނެރެގެން ފައިސާ ޗާޕް ކޮށްފިއޭ، އެހެންވީމާ ބޭންކު ތަކުގައި ސޭންވިން އަށް މީހުން ބަހައްޓާފައި ހުންނަ ފައިސާ ނަގައިގެން ބޭނުންކުރަން ފެށީމަވެސް އެ ފައިސާ ޗާޕްކުރީ، ފައިސާ ޗާޕް ކުރުމަކީ އެއްވެސް ތަނެއްގައި ސޭވިންކޮށްފައި ހުންނަ އެއްޗެއް ނަގައިގެން ބޭނުން ކުރުމެއް ނޫން، އެގޮތަށް ބޭނުން ކުރުމަށް ފައިސާ ޗާޕް ކުރުމެކޭ ނުބުނެވޭނެ،"
ފަލާހު ވިދާޅުވީ، ބޭންކު ތަކުގައި ދިގު މުއްދަތަށް މުއްސަނދިން ސޭވްކޮށްފައި ހުންނަ ފައިސާ ލޯނު ދިނުންފަދަ ކަންކަމަށް ބޭނުން ކުރާ ކަމަށެވެ. ނަމަވެސް އެ ކަންކަމަަށް ފައިސާ ޗާޕް ކުރުމޭ ނުކިޔޭނެއެވެ.
"އިއްޒަތްތެރި ރައީސް އަކީވެސް ވަރަށް ވަރުގަދަ ވިޔަފާރި ވެރިިއެއް، މިސާލަކަށް ރައީސް ވެސް ހުރެދާނެ ރެޑްވޭވް ކުންފުނީގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ފަސް އަހަރު ދުވަހަށް ބަހައްޓާފައި ހުންނަ ސޭވިން އެކައުންޓެއްގައި އެއް ބިލިޔަން ރުފިޔާ، އެ އެއް ބިލިޔަން ރުފިޔާ، މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް އިން ނުވަތަ ދެން ހުންނަ ބޭންކްތަކުން އެބޭފުޅުން ލޯނު ދިނުމާ ކަންކަމަށް ވެސް އެބަ ބޭނުންކުރޭ، ދިގު މުއްދަތަކަށް އެ ބޭންކުތަކުގައި މުސަނދިން ބަހައްޓާ ފައިސާ، އެ ފައިސާއިން ލޯނު ދިނީމަ ވެސް އެހެންވިއްޔާ އެއީ ފައިސާ ޗާޕްކުރަނީތަ،" ޖަލްސާގެ ރިޔާތުގައި އިންނެވި، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް މިސާލު ޖައްސަވައި ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕް ކުރަނީއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.
އިބްރާހިމް ޒަކީ
އިބްރާހިމް ފަލާހު
ކޮމެންޓް