ސިޔާސީ ބޭނުމަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ތާރީހު އޮތީ އެމްޑީޕީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

މަންޑޭ މިހެން ވިދާޅުވީ، ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރާ މީހުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ ކަަމަށް ބުނެ އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ނިޒާމު ބަދަލުވި ފަހުން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ސިޔާސީ ގޮތުން ވަކިކޮށްފައި ވަނީ އެމްޑީޕީގެ ދެ ވެރިކަމުގައި ކަމަށާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ހަގީގަތްތައް ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ، އެތެރޭގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާ ދިމާކޮށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން އެމްޑީޕީގެ މިދިޔަ ސަރުކާރުން ކުންފުނިތަކަށް ނަގާފައިވާ ކަމަށެވެ.

ހާއްސަކޮށް ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން، މުސާރަ ދިނުމަށްޓަކައި އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގަން ޖެހި، ކުންފުނިތައް ހަލާކުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީން މިހާރު ދައްކަމުންދަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.