އެމްޑީޕީގެ ފަލްސަފާއަކީ ދައުލަތުގެ ކުންފުނިތަކާއި ދައުލަތުން ވައްކަންކުރުން ކަމަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަޒާން ވިދާޅުވީ ނަވާރަ ވަނަ މަޖިލީހުގައި އޭރުގެ އިދިކޮޅު ޕީއެންސީން ފެނަކައިގެ އޮޑިޓެއް ހަދަން ހުށަހެޅުމުން، އެމްޑީޕީގެ މެންބަރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ފެނަކައިގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އިންތިގާލީ މަރުހަލާގައި ގިނަ ބަޔަކަށް ވަޒީފާ އާއި ޕްރޮމޯޝަން ދީ، ބޮޑެތި އަގުތަކުގައި ތަކެތި ގަނެފައިވާ ކަމަށްވެސް އަޒާން ތުހުމަތު ކުރެއްވިއެވެ.
ކުންފުނީގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން އަޒާން ވިދާޅުވީ، ތިން އެކްސްކަވޭޓަރާއި ހަތަރު ޕިކަޕް އަދި ބައުޒަރެއް ކުއްޔަށް ހިފުމަށް 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ތަކެތި ބާޒާރުން ގަންނަން ލިބެނީ އެންމެ ހަތަރު މިލިއަން ރުފިޔާއަށް ކަމަށާއި މިއީ ހިންގާފައިވާ ބޮޑު ވައްކަމެއްގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ މާލިއްޔަތު ކޮމިޓީން މިހާރު ނިންމާފައި ވަނީ މި ވައްކަންތަކުގައި ބައިވެރިވި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މައްސަލަ ފުލުހަށް ހުށަހެޅުމަށް ކަމަށެވެ. އަދި ކުރިމަގުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ފެނަކައިގެ އިންތިޒާމުތައް ރޭވުމަށް ކޮމިޓީން ރެކޮމެންޑޭޝަންތައް ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް