ޖަޕާނުގެ ކިއުޝޫ ޖަޒީރާގެ ކުމަމޯޓޯ ޕްރިފެކްޗަރަށް މިއަދު އައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އެ ސަރަހައްދުގެ 48،000 އަށް ވުރެ ގިނަ ގޭބިސީން ކަރަންޓު ކެނޑިފައިވާ ކަމަށް ކިއުޝޫ އިލެކްޓްރިކް ޕަވަރ ކުންފުނިން ބުނެފިއެވެ.

ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ބުނި ގޮތުގައި، މިއަދު ހަވީރު އައި މި ބިންހެލުމުގެ މެގްނިޓިއުޑް 7.1 ގައި ހުރިއިރު، ބިންހެލުން އުފެދިފައިވަނީ 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާ ގުޅިގެން އަރިއާކޭ އަދި ޔަޓްސުޝިރޯ ކަނޑުގެ އައްސޭރިފަށަށް އެއް މީޓަރުގެ އުސްމިނަށް ރާޅު އަރާނެ ކަމަށް ލަފާކޮށް، ޖޭއެމްއޭއިން ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

ޖަޕާނުގެ ކެބިނެޓް އޮފީހުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޑިވިޝަނުން ވަނީ، ސުނާމީގެ އިންޒާރާ ގުޅިގެން އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަގުތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގައިފައެވެ. އަދި އިންޒާރު ބާތިލުކުރަންދެން މޫދާ ގާތަށް ނުދިއުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ޖަޕާނުގެ ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނީ، މިހާތަނަށް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ އާންމު އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އޭޖެންސީން ފާހަގަކުރިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވި ގޮތުގައި، ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފައެވެ.

މީގެ އިތުރުން، ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީން ބުނި ގޮތުގައި، ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކްލިއަރ ޕަވަރ ޕްލާންޓުތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކިއުޝޫ ސަރަހައްދުގެ ޝިންކަންސެން ބުލެޓް ޓްރެއިންގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ޖޭއާރު ކިއުޝޫ ކުންފުނިން ވަނީ ބުނެފައެވެ.