މިދިޔަ ހަފުތާގެ ތެރޭގައި އަލަށް 20 މީހަކަށް ހިމިބިހި (މީސްލްސް) ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެއާއެކު މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 186 އަށް އަރާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި އޮތް ނަމަވެސް، އަލުން މި ބަލި ފެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

އެޗްޕީއޭއިން މިއަދު ބުނީ، މިދިޔަ ހަފުތާގައި އަލަށް ފެނުނު 20 ކޭސް ވެސް ރިޕޯޓްކޮށްފައިވަނީ މާލޭ ސަރަހައްދުން ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ދަނީ ހާއްސަ ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ އެންމެހާ ފަރާތްތަކުން ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ދިޔުމުން ވެކްސިން ޖަހައިދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައިކަމަށް އެޗްޕީއޭއިން ބުންޏެވެ. މާލޭގެ ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނެއެވެ.

ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، ބަލީގެ އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފައެވެ. ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދާ ފަރާތްތަކުން، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.