އީރާނުގެ ހިފަހައްޓާފައިވާ ފައިސާއިން ބަދަލު ހޯދާ ކުންފުނިތަކާއި ގައުމުތަކުގެ އުޅަނދުތަކަށް ހޮރުމުޒް ކަނޑުއޮޅިން ދަތުރުނުކުރެވޭނެ ކަމަށް އީރާނުގެ ހާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއޯޓާސްއިން އިންޒާރުދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީއާ ހަވާލާދީ ޒިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިންޒާރު ދީފައިވަނީ ގަލްފުގައި ގެއްލުން ލިބުނު އުޅަނދުތަކަށް އީރާނުގެ ފައިސާއިން ބަދަލުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ހާތަމް އަލް-އަންބިޔާގެ ތަރުޖަމާނު ކާނަލް އިބްރާހީމް ޒުލްފަގާރީ ވަނީ ޓްރަމްޕްގެ މި ނިންމެވުން ގަބޫލުނުކުރައްވައި، އެއީ ގައިރު ގާނޫނީ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، އުޅަނދުތަކަށް ގެއްލުން ލިބުނީ އެމެރިކާގެ އަސްކަރިއްޔާއިން އުފެއްދި ނުތަނަވަސްކަމުގެ ސަބަބުންނާއި، ހޮރުމުޒް ކަނޑުއޮޅީގެ ދެކުނުން އޮންނަ ރައްކާތެރި ނޫން މަގަކުން އެ އުޅަނދުތައް ދަތުރުކުރުމުންނެވެ. އަދި އެމެރިކާގެ ހުށަހެޅުން ގަބޫލުކޮށް، އީރާނުގެ ފައިސާއިން ބަދަލު ހޯދާ ކޮންމެ ފަރާތެއްގެ އުޅަނދުތައް ހޮރުމުޒް ކަނޑުއޮޅިން ހުރަސްކުރުން އީރާނުގެ އަސްކަރިއްޔާއިން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ސަރަހައްދުތަކަށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކަށްފަހު، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުން މިހާރުވެސް ވަނީ މަނާކޮށްފައެވެ.