އެމެރިކާއާ އެކު މަޝްވަރާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް އޮމާނާ އެކު ނުސީދާ މަޝްވަރާތައް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާ ކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ލީގަލް އެންޑް އިންޓަނޭޝަނަލް އެފެއާޒް ކާޒިމް ގަރީބްއާބާދީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގަރީބްއާބާދީ ވިދާޅުވި ގޮތުގައި، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެދި އެމެރިކާއިން ވަނީ އީރާނަށް މެސެޖުތަކެއް ފޮނުވައިފައެވެ. އަދި ފާއިތުވި 15 ދުވަހުގެ ތެރޭގައި އެމެރިކާއާ އެކު މަޝްވަރާކުރުމަށް އީރާނުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހޮރުމުޒް ކަނޑުއޮޅީގެ މައްސަލަޔަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ކަނޑުއޮޅީގެ ދެކުނު މަގު ބޭނުންކުރުމަށް އޮމާނުން ހުށަހެޅި ހުށަހެޅުން އީރާނުން ގަބޫލު ނުކުރާ ކަމަށެވެ. އޮމާނުން ހުށަހެޅީ ކަނޑުއޮޅީގެ ކޮންޓްރޯލް ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބެހުމަށެވެ. ނަމަވެސް އީރާނުގެ ސަލާމަތީ ކަންބޮޑުވުންތަކަށް އެކަމުން ހައްލެއް ނުލިބޭނެ ކަމަށް ބުނެ، އީރާނުން ވަނީ އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފައެވެ.

މީގެ އިތުރުން، އެ ސަރަހައްދުން މައިން ސާފުކުރުމުގެ ފުރިހަމަ ޒިންމާ އޮތީ ހަމައެކަނި އީރާނަށް ކަމަށާއި، އެކަމުގައި ތިންވަނަ ގައުމަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ގަރީބްއާބާދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އީރާނުން ހުށަހަޅާފައިވާ ގޮތަށް އޮމާނުން އެއްބަސް ނުވެއްޖެ ނަމަ، ހޮރުމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައެވެ.