ސައުދީ އަރަބިއްޔާގެ ތެލުގެ ކާރުހާނާތަކަށާއި އެ ގައުމުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން، ސައުދީއާއި އެމެރިކާ ގުޅިގެން އިރާގަށް ހަމަލާތަކެއް ދީފިއެވެ.

ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވި ގޮތުގައި، އަންގާރަ ދުވަހު ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާގުގެ އިރުމަތީގައިވާ ހަނގުރާމަވެރިންގެ ހަތިޔާރު ގުދަންތަކަށާއި ލޮޖިސްޓިކް މަރުކަޒުތަކަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިރުޝާދުގެ ދަށުން ސައުދީގެ ތެލުގެ ވަސީލަތްތަކަށާއި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން 30 އަށް ވުރެ ގިނަ ޑްރޯން ހަމަލާއަށް ރައްދުދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ސެންޓްކޮމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން އިތުރު ފިޔަވަޅުތައް އެޅުން ހުއްޓުވުމަށްޓަކައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި އެ މީހުންގެ މަދަދު ލިބޭ ޖަމާއަތްތަކުން މިފަދަ ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ސައުދީގެ އިރުމަތީ ޕްރޮވިންސާއި ރިޔާޒުގައިވާ ތެލުގެ ކާރުހާނާތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ސައުދީން ވަނީ ބުނެފައެވެ. އަދި އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށް ވެސް ސައުދީ ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ސައުދީގެ ހާރިޖީ ވުޒާރާއިން ވަނީ، އިރާގުގެ ބިމަކީ ސައުދީއަށް ހަމަލާދިނުމަށް ބޭނުންކުރާ ތަނަކަށް ހެދިޔަ ނުދިނުމަށްޓަކައި އަޅާން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އިރާގު ސަރުކާރަށް ގޮވާލާފައެވެ.

މި މައްސަލައާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ ވަނީ، ސައުދީއަށް ދިން ޑްރޯން ހަމަލާތައް ތަހުގީގުކުރުމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަންގަވައިފައެވެ.

އިރާގުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުމުގެ ފުރުސަތެއް ނުދޭނެއެވެ. އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތައް ހިމެނޭ “އިސްލާމިކް ރެސިސްޓެންސް އިން އިރާގު” އިން ވަނީ ސައުދީއަށް ދިން ޑްރޯން ހަމަލާތަކުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ބުނެ، ސައުދީގެ ތުހުމަތުތައް ދޮގުކޮށްފައެވެ.