މިނިވަންދުވަހު ނ. އަތޮޅުގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުހައްމަދު (36އ) އެވެ.

އޭނާ ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.2 ގުރާމު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ޒައިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.