އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުން ނެރެފިއެވެ.

ފިއްޓެގެ ނަން އިއްވީ، މިމަހު 19 ވަނަ ދުވަހު ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި އަލިފާން ރޯވެ އެނދި ކުނިތައް ހދ. ކުނބުރުދުއަަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިިސް ތަޅުމުން ބޭރުކޮށްލި މައްސަލައިގައި އެ މެންބަރުންނާއި ފިއްޓޭއާ ދެމެދު ހިނގި ދެބަސްވުމެއްގެ ސަބަބުންނެވެ.

އެ މައްސަލަ ބަލައި ނުގަތުމުން އެކަން ފާހަގަ ކުރައްވައި މަޖިިލިސް ޖަލްސާގައި ފިއްޓެ ވިދާޅުވީ، އެފަދަ ރައްޔިތުންނާ ގުޅުންހުރި މައްސަލަތައް ބަލައިގަނެ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ، މަޖިލިސް މެންބަރުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ސަރުކާރުން ކުރާ ކަންކަން ބެލުމަކީ މެންބަރުންގެ މައްޗަށް ލާޒިމު ކަމަކަށްވާ އިރު، މިއަދު މެންބަރުން ނިންމީ އެކަން ނުކުރެވޭނެ ގޮތަށް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ފިއްޓެ ކުއްލި މައްސަލަ ހުށަހެޅުއްވީ، ތިލަފުށީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ވެމްކޯއިން ހދ. ކުނބުރުދުއަށް ގެންގޮސްފިނަމަ، އެ އަތޮޅު ރައްޔިތުންގެ ސިއްހަތަށާއި ތިމާވެއްޓަށް އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށެވެ.

ނަމަވެސް މި ކުއްލި މައްސަލައަށް ބަހުސް ކުރަން ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 35 މެންބަރުންގެ ތެރެއިން އެމްޑީޕީގެ ހަތް މެންބަރުންނެވެ. ޕީއެންސީގެ 27 މެންބަރުން ވޯޓު ދެއްވައިގެން އެ ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލިއެވެ.

އެކަމާ ގުޅިގެން ފިއްްޓެ ވާހަކަ ދެއްކެވުމުން ޕީއެންސީ މެންބަރުން ވަނީ ރައްދު ދެއްވައިފައެވެ.

އެކަމާ ގުޅިގެން ފިއްޓެ އާއި ޕީއެންސީ މެންބަރުންގެ މެދުގައި ދެބަސްވެ އަޑުގަދަވުމުން، ތަޅުމުގައި ކޮޅަށް ހުންނެވި ފިއްޓެ ގޮނޑީގައި އިޝީނުމަށާއި މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން މަޖިލީހުގެ ރައީސް ތަކުރާރުކޮށް އެންގެވިއެވެ.

އެއަށްފަހު ނަން އިއްވުމުގެ އިންޒާރު ދެއްވައި ފިއްޓެ މަޖިލީހުން ނުކުތުމަށް އެންގެވިއެވެ.

ނަމަވެސް ފިއްޓެ ނުނިކުތުމުން މަޖިލިސް ޖަލްސާއިން މެންބަރު ނެރުނީ ސެކިއުރިޓީންނެވެ.