ރައްޔިތުންގެ މަޖިލީހަށް ބިލުތައް ހުށަހަޅާ އިރު، އެ ބިލުތަކަށް އިލްމީ ބަހުސެއް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ، ސަލީމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔައީ، އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްއެވެ.

އިލްމީ ބަހުސް ކުރުމަށް ނައިބު ރައީސް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވީ، އެ ބިލުގެ ބަހުސްގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ދެއްކެވި ވާހަކައަށް ފަހުއެވެ.

މެންބަރު ދީދީގެ ވާހަގައިގެ ތެެރެއިން ބިލުގެ މައުލޫއަށް ވާހަކަ ދެއްކުމަށް ސަލީމް މެންބަރަށް ދެންނެވިއެވެ.

ސަލީމް ވިދާޅުވީ، ބިލުތަކަށް ވާހަކަ ދައްކަވާ އިރު، ބިލުގައި ހުންނަ މާއްދާތަކާ ބެހޭގޮތުން އިލްމީ ބަހުސެއް ކުރުމަށް މެންބަރުންނަށް ދަންނަވާ ކަމަށެވެ.

ބިލުގެ ހަގިގީ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެވޭނީ ބިލުގައި ހުންނަ މާއްދާތަކުގެ އިލްމީ ބަހުސެއް ކުރެވިގެން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި މަޖިލީހުގައި ތިބި މެންބަރުންނަކީ އިލްމީ، ގާބިލް ބޭފުޅުން ކަމަށްވާތީ އެގޮތަށް ބެހުސް ކުރިއަށް ގެންދެވުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅީ، ޗީފް އެގްޒެކްޓިވް ހިމެނޭހެން އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ޑިރެކްޓަރުންގެ ބޯޑު ހަތް މެންބަރުންނަށް އިތުރު ކުރުކޮށް މަސްއޫލިއްޔަތުތައް ފުޅާ ކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.