އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑު 'ބިޔޯން އަގެއިން'ގެ މިއުޒިކް ޝޯ ކެންސަލްކުރަން ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

ބިޔޯންގެ ޝޯ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ރޭ ސޯޝަލް ސެންޓަރުގައެވެ. އުބާ އިވެންޓްސްއިން އިންތިޒާމު ކުރާ މި ޝޯއަށް ސްޕޮންސަރުން ހޯދައި ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށް، ޓިކެޓު ވެސް ވަނީ ވިއްކައިފައެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އެދުނީ އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަންވެސް އޯގަނައިޒަރަށް ދީފައިވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ޝޯ ބަދަލުކުރަން އެދުނީ ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅު ހިމެނޭގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.

ބިޔޯންގެ އިތުރުން އެ ޝޯގައި ދިވެހި ބައެއް ފަންނާނުން ވެސް ޕާފޯމް ކުރަން ވަނީ ހަމަޖެހިފައެވެ.

ބިޔޯން އެގެއިން އަކީ އޮސްޓްރޭލިއާގެ، އޭބީބީއޭ އިން އިންސްޕަޔާވެގެން އުފެދިފައިވާ، އެކި ގައުމުތަކުގެ ފަންނާނުން ހިމެނޭ ޓްރިބިއުޓް ބޭންޑެކެވެ. މި ނަމަކީ އޭބީބީއޭގެ ގިޓަރިސްޓް އަދި ވޯކަލިސްޓް ބިޔޯން އުލްވޭއަސްގެ ނަމާއި، "ބޯން އެގެއިން" ނުވަތަ އަލުން އުފަންވުމުގެ ފަލްސަފާއަށް ނިސްބަތްކޮށް ކިޔާފައިވާ މަޖާޒީ ނަމެކެވެ. 1988 ވަނަ އަހަރު އުފެދުނު މި ބޭންޑުން ދަނީ މުޅި ދުނިޔޭގައި ޕާފޯމް ކުރަމުންނެވެ.