މި އަހަރުގެ މިހާތަނަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 1.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.4 ޕަސަންޓުގެ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އާމްދަނީ ހުރީ އެއް ބިލިއަން ރުފިޔާގައެވެ.

ޓޫރިޒަަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިވަގުތު 185 ރިސޯޓު ހިންގަމުން އަންނަ އިރު، އޭގެ ތެރެއިން 179 ރިސޯޓަކުން ފަތުރުވެރިންނަށް އަންނަނީ ހިދުމަތް ދެމުންނެވެ. މި ރިސޯޓުތަކުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 45,115 އެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 72.9 ޕަސަންޓު ފަތުރުވެރިން ނުވަތަ 877,914 ފަތުރުވެރިން، އަހަރުގެ މިހާތަނަށް ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ.

ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ މި މަސައްކަތުގެ މުހިންމު ބައެކެވެ.

މި އިސްލާހުތަކުގެ ދަށުން 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލާފައިވާ އިރު، މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އައިސް، ރައްޔިތުންނަށް އޭގެ ފައިދާ ސީދާކޮށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.