އީރާނާއި އެމެރިކާގެ ކުރިމަތިލުންތައް ނުހުއްޓި ސީރިއަސްވަމުން، ފުޅާވަމުންދާއިރު އެމެރިކާޔާއި އިޒްރޭލުން އީރާނަށް ނިއުކުލިއަރ ހަމަލައެއްދީފާނެ ކަމުގެ ބިރުވެސް ދަނީ ބޮޑުވަމުންނެވެ. އެމެރިކާޔާއި އިޒްރޭލުގައި ނިއުކުލިއަރ ހަތިޔާރު އެބަހުއްޓެވެ. އެޒާތުގެ އެއްޗެއް އީރާނުގައި ހުރިކަމަށް އަދި ގަބޫލެއް ނުކުރެވެއެވެ. މިވަގުތު ހަމަލާތައް ބަދަލުކުރަމުން ހަގުރާމަކުރަމުން އެގެންދަނީ އާދައިގެ ހަތިޔާރުންނެވެ. މާނަޔަކީ ހަގުރާމައިގެ ހާލަތުގައި ބޭނުން ކުރުން އެއްވެސް މުއާހަދާއަކުން މަނާކޮށްފައި ނުވާ ހަތިޔާރުންނެވެ. މި ހަގުރާމައިގައި އީރާނު ބަލިވާތަނެއް ނުފެނެއެވެ. އެމެރިކާއިންދޭ ކޮންމެ ހަމަލަޔަކަށް އީރާނުންވެސް ރައްދު ހަމަލަ އެބަދެއެވެ. އީރާނުގެ މިސައިލާއި ޑްރޯން ފެކްޓަރީތަކާއި ގުދަންތައް ހުރީ ބިމުގެ ވަރަށް އަޑީގައެވެ. އެއިންތަނަކަށް ގެއްލުމެއް ނުދެވެއެވެ. ހަލާކުކޮށެއް ނުލެވެއެވެ. މިކަންތަކާ ގުޅިގެން އެމެރިކާއަށް މިހާރު އެއޮތީ ލަދުވެތިކަން އިހުސާސްކުރަން ޖެހިފައެވެ.

ރައީސް ޓްރަމްޕު އެންމެފަހުން މިހަފުތާގައި ބުނެފިއެވެ. އެމެރިކާ ބޭނުންވާ ކަންކަމަށް އީރާނު އެއްބަސްނުވެގެން އެއުޅެނީ އީރާނުގެ ވެރީންނަށް އެކަށީގެންވާ މިންވަރުގެ ވޭނެއް ތަޖުރިބާ ނުކުރެވޭތީއެވެ. އެހެންވީމާ މިހާރު އެމެރިކާއިން ތައްޔާރު ވަމުންދަނީ މިހާތަނަށް އީރާނުން ތަޖުރިބާ ނުކުރާވަރުގެ ގަދަފަދަ، ވޭންދެނިވި ހަމަލާއެއް ދިނުމަށެވެ. މި ހަމަލަދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ޓްރަމްޕު ބުނާގޮތުން ފުރިހަމަވެފައެވެ. އޭނާގެ ސިގުނަލް ލިބޭއިރަށް އެމެރިކާ ސިފައިން މިކަން ނިންމައިލާނެއެވެ. މިކަމުގައި އިޒްރޭލުގެ ބައިވެރިވުން އެމެރިކާއަށް ކޮންމެހެން ބޭނުންނުވާ ކަމަށާއި އިޒްރޭލުގެ ބައިވެރިވުމެއް އޮތިއްޔާ އޭގެ ނަތީޖާ އެހެންގޮތަކަށް ފެނިދާނެތީ އެމެރިކާއަށް ރަގަޅީ އިޒްރޭލުން މިކަމުގެ ތެރެއަށް ދެން ނުވަދެ ހިމޭނުން އޮތުންކަމަށްވެސް ޓްރަމްޕު ވަނީ ބުނެފައެވެ. އޭނާ މިކިޔަނީ ކީކޭބާވައެވެ. އިޝާރާތް އެކުރަނީ ކޮންކަހަލަ ހަމަލަައަކަށް ބާވައެވެ. އީރާނުން އަދި މިހާތަނަށް ތަޖުރިބާ ނުކުރާ ކަހަލަ ހަމަލައެކޭ ވޭނެކޭ އެބަބުނެއެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި ޓްރަމްޕު ނުސީދާކޮށް އެ ބުނަނީ ނިއުކުލިއަރ ހަމަލައެއްގެ ވާހަކައެވެ. ޓެކްޓިކަލް ނިއުކުލިއަރ ބޮން ބޭނުންކޮށްގެން އީރާނުގެ ބިމުގެ އަޑީގައިވާ މިސައިލް ސިޓީތައް ހަލާކުކޮށްލާނޭ ކަމުގެ ވާހަކައެވެ. މިސައިލް އުފެއްދުމުގެ ކުޅަދާނަކަން ނައްތައިލާނެ ވާހަކައެވެ. ނިއުކުލިއަރ ހަތިޔާރުގެ ހުންނަނީ ދެބާވަތެކެވެ. އެއްބާވަތަކީ ސްޓްރެޓީޖިކް ނިއުކުލިއަރ ހަތިޔާރެވެ. އެއީ މުޅި ސިޓީ ނުވަތަ ގައުމު އެއްކޮށް ހަލާކުކޮށް ނައްތައިލުމަށް ފަރުމާކުރެވިފައިވާ ހަތިޔާރެކެވެ. އަނެއް ބާވަތަކީ ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރެވެ. މިއީ ހަގުރާމައިގެ ހާލަތުގައި ވަކި ތަނެއް ވަކިގޮތަކަށް ނައްތައިލުމުގެ މަގުސަދުގައި ފަރުމާ ކުރެވިފައިވާ އެއްޗެކެވެ. ދެބަައިގެ ތަފާތަކީ ގޮވުމުގެ ބާރުމިނުގެ ތަފާތެކެވެ. ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރޭ ކިޔަނީ ގޮވުމުގެ ބާރުމިން ތަންކޮޅެއް ކުޑަ ހަތިޔާރަށެވެ. އެކަމަކު އެއީ ހަގީގަތުގައި ބާރުދެރަ ހަތިޔާރެއް ނޫނެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ ފަނަރަ ކިލޯޓަނުގެ ޓެކްޓިކަލް ނިއުކުލިއަރ ބޮމެއް ކަމަށްވަންޏާ އެއީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާއަށް ވައްޓާލިވަރުގެ ބާރުހުރި ބޮމެކެވެ. އެ ބޮމުގެ ސަބަބުން ހިރޮޝީމާއަށް ވީގޮތް ދުނިޔެއަށް ވަނީ ފެނިފައެވެ. ޓެކްޓިކަލޭ ކިޔަކަސް، ސްޓްރެޓީޖިކޭ ކިޔަކަސް ނިއުކުލިއަރަކީ ނިއުކުލިއަރެވެ. އޭގެ ރޭޑިއޭޝަން ވިހަޔާއި ނުރައްކާ ހަމަ އެއްގޮތެކެވެ.

އީރާނުގެ ވެރިރަށް ތެހެރާނަށް ނިއުކުލިއަރ ބޮމެއް ވައްޓާލައިގެން ނުވަތަ އީރާނުގެ ބަންދަރު އައްބާހަށް ނިއުކުލިއަރ ބޮމެއް ވައްޓާލައިގެން މިހަގުރާމަ ކާމިޔާބު ކުރެވިދާނެ ކަމަށް ނުވަތަ އީރާނުން އަމާންދީ ކުޑަކަކޫ މައްޗަށް ތިރިވެދާނެ ކަމަށް ރައީސް ޓްރަމްޕު ހީކުރާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އީރާން އެއޮތީ އެމެރިކާއިން ނުވަތަ އިޒްރޭލުން ނިއުކުލިއަރ ބޮންވެސް ބޭނުންކޮށްފާނެ ކަމަށް ބަލައިގެން އެކަމަށް ހޭލައި ތައްޔާރުވެގެންނެވެ. ދެން ކަންކަން ކުރަންވީ ގޮތުގެ ޕްލޭނެއްވެސް ރާވައިގެންނެވެ.

އެހެންވީމާ ޓެކްޓިކަލެއް އެހެން އެއްޗެއް ބޭނުންކުރިއަސް އީރާނުން އަމާނެއް ނުދޭނެއެވެ. އީރާނު ބައްޔެއްވެސް ނުވާނެއެވެ. ތެހެރާނާއި ބަންދަރު އައްބާސް ހަލާކުވެ ދިޔަކަމަށްވިޔަސް އެމެރިކާއާއި އިޒްރޭލަށް ރައްދު ދިނުމުގެ ކެރިކުޅަދާނަކަން އީރާނުގެ ކިބައިގައި ހުންނާނެއެވެ. އެހެންވީމާ ރައީސް ޓްރަމްޕު އަދި ކޮންމެ އިންޒާރެއް ދިނަސް އެ އިންޒާރާ އެއްގޮތަށް އަމަލުކުރާނޭ ކަމަށް ނުފެނެއެވެ. އީރާނާ ދެކޮޅަށް ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން ކެރޭނޭ ކަމަށް ނުފެނެއެވެ. އެގޮތަށް ނުފެނުމުގައި ތިން ހަތަރު ސަބަބެއްވެސް އެބައޮތެވެ. ފުރަތަމަ ސަބަބަކީ އެފަދަ ހަމަލަޔަކުން އީރާނަށް އެދެވެނީ ނިއުކުލިއަރ ބޮން އުފެއްދުމުގެ ލައިސަނެކެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް އެވަނީ ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ދިހަބާރަ ބޮން އުފެއްދޭ މިންވަރަށް ތަރައްގީ ކުރެވިފައެވެ. އެކަމަށް ބޭނުންވާ މިންވަރަށް ޔުރޭނިއަމް ހުރީ ފައްކާކޮށްފައެވެ. ބޮން އުފައްދާނެ ގޮތް އީރާނުގެ ސައިންސްވެރިންނަށް އެނގެއެވެ.

މިހާތަނަށް ބޮން ނުއުފައްދަައި އެތިބެނީ ބަޔަކު އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުން ނުކުރާތީ އެފަދަ ހާލަތެއް އައުމުން އުފެއްދުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. ޔަގީންވާ ކަމަކީ އީރާނުގައި އެ ކުޅަދާނަކަން މިހާރު އެބަހުރި ކަމެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ. އީރާނުން ނިއުކުލިއަރ ބޮން އުފައްދައިގެން އެ ހަތިޔާރު ބޭނުންކުރާނީ ކޮންބަޔަކާ ދެކޮޅަށް ބާވައެވެ. އެ ސުވާލުގެ ޖަވާބު އެންމެނަށްވެސް ސާފެވެ. އެއީ އިޒްރޭލެވެ. އިޒްރޭލުގެ ޓެލަވީވާއި ހައިފާއަށް އެކައްޗެއް ދޭއްޗެއްވަރު ވައްޓައިލީމާ މުޅި އިޒްރޭލުގެ ކަންތައް ދިޔައީއެވެ. އެއާ ޚިލާފަށް އީރާނަކީ އިޒްރޭލަށްވުރެ 80 ގުނަ ބޮޑު ބިޔަ ގައުމެކެވެ. އީރާނު އެއްކޮށް ފަނާކޮށްލަން ސަތޭކައެއްހައި ނިއުކުލިއަރ ބޮން ބޭނުންވާނެއެވެ. އެއަދަދަށް ނުވަތަ އެޔާ ގާތްކުރާ އަދަދަކަށް ބޭނުންކުރިޔަސް މުޅި ދުނިޔޭގެ މޫސުން ބަދަލުވެ ނިއުކުލިއަރ ވިންޓަރއެއް ފެށޭނެއެވެ. މީހުން މަރުވެ ނެތިދާނީ ހަމައެކަނި އީރާނަކުން ނޫނެވެ.