އިރާގުގެ ހަތް ޕްރޮވިންސެއްގައި ގާއިމުކޮށްފައިވާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) ގެ މަރުކަޒުތަކަށް އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން މިއަދު ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކުގައި އެ ޖަމާއަތުގެ މަދުވެގެން 20 ހަނގުރާމަވެރިން މަރުވެ، 32 މީހުން ޒަހަމްވެފައިވާ ކަމަށް ޕީއެމްއެފް އިން ބުނެފައިވެއެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި، މިއީ ފުރަތަމަ ލިބުނު މައުލޫމާތަށް ބިނާކޮށް އާންމު ކުރި އަދަދުތަކެކެވެ. އަދި ހަމަލާތައް އަމާޒުކޮށްފައި ވަނީ އެކި ޕްރޮވިންސްތަކުގައިވާ އެ ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކަށާއި އުޅަނދުތަކަށެވެ. މީގެ އިތުރުން، މި ހަމަލާތަކުގެ ސަބަބުން އެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ޕީއެމްއެފް އިން ބުނެފައިވެއެވެ.

ޕީއެމްއެފް އަކީ އީރާނަށް ތާއީދުކުރާ ޖަމާއަތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ކުރީގެ ޕެރަމިލިޓަރީ އިއްތިހާދެކެވެ. ނަމަވެސް، މިހާރު އެ އިއްތިހާދު ވަނީ ރަސްމީކޮށް އިރާގުގެ އަސްކަރިއްޔާގެ ތެރޭގައި ހިމަނައިފައެވެ. އިރާގުގެ ގާނޫނުތަކުގެ ދަށުން، ޕީއެމްއެފް އަކީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބައެކެވެ. އަދި އެ ޖަމާއަތުން ރިޕޯޓު ކުރަނީ ސީދާ އިރާގުގެ ބޮޑުވަޒީރަށެވެ.

މި ޖަމާއަތަކީ 2014 ވަނަ އަހަރު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފެއްދި ޖަމާއަތެކެވެ. މި އިއްތިހާދުގެ ތެރޭގައި ތަފާތު އެކި ހަތިޔާރު އެޅި ޖަމާއަތްތައް ހިމެނޭ އިރު، އޭގެ ތެރެއިން ގިނަ ޖަމާއަތްތަކަކީ އީރާނުގެ ތާއީދާ އެކު ހަރަކާތްތެރިވާ ޖަމާއަތްތަކެއް ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން މި ހަމަލާތައް ދީފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރަސްމީ ފަރާތްތަކުން އަދި ބުނެފައެއް ނުވެއެވެ.