ކޮރަޕްޝަނުގެ އެކި މުއާމަލާތްތަކުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ރައްޔިތުންގެ މުދަލާއި ފައިސާ އަނބުރާ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ނިޒާމުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އަށަގެންފައިވާ ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށެވެ. އެ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ ސަރުކާރާއި، ކޯޓުތަކާއި، އޭސީސީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ބާރުމިނުގައި މަސައްކަތް ކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ ފައިސާ އާއި މުދާ ގެއްލިފައިވާ ގެއްލުން، އޭގެ ތެރެއިން ވީހާވެސް ބޮޑު އެއްޗެއް ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަދަ މައްސަލަތައް ރަނގަޅަށް ބަލައި، އެކަންކަމަށް އިންސާފުވެރި ހައްލެއް ލިބެންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިކުރުމަށްޓަކައި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަސައްކަތުގެ ދަށުން ތައާރަފުކޮށްފައިވާ "މޯލްޑިވްސް 2.0" ނިޒާމަކީ ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކުރައްވަމުން، އެ ނިޒާމުގެ ސަބަބުން ދެފުށް ފެންނަ، އަވަސް ހިދުމަތްތަކެއް ކަށަވަރުވެ، ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސްގައާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ކުރިއަށް ޖެހިލާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް