ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަަނަލް ކޯޕަރޭޝަން (ސާކް)ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރަން ރާއްޖެ މެދުވެރިއަކަށްވާން ތައްޔާރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ ސާކުގެ މަސައްކަތްތައް އަލުން ދިރުވައި، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުން މުހިންމު ކަމަށެވެ.

މިރޭ ޕީއެސްއެމުން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވާހަކަދައްކައިގެން ހައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި 1980 ގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ސާކު މެދުވެރިކޮށް ކުރެއްވި މަސައްކަތްތަކުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ކަމަށެވެ.

"މި ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުމަށް މަސައްކަތް ކުރާ ކަމަށްވަންޏާ ގުޅިގެން މަސައްކަތް ކުރަންވާނެ،" ރައީސް ވިދާޅުވިއެވެ.

"މީގެކުރިން 1980 ގެ އަހަރުތަކުގެ ތެރޭގައި ރައީސް މައުމޫން ވަރަށް ބޮޑު އިސްދައުރެއް އަދާކުރައްވައިގެން، އޭރު ސާކްގެ އެހެން ގައުމުތަކުގެ ވެރިންނާއެކު ފެއްޓެވި މަސައްކަތެއް މިއީ. އޭގެ ސަބަބުން ހުރިހާ ގައުމަކަށް ފައިދާވި. މި ސަރަހައްދުގެ ޕީސް އެންޑް ސްޓެބިލިޓީއަށް މަސައްކަތް ކުރާ ކަމަށްވަންޏާ ގުޅިގެން މަސައްކަތް ކުރަންވާނެ"

ރާއްޖެއިން މަސައްކަތް ކުރަނީ އެކުވެރިކަމާއެކު އެއް ގައުމު އަނެއް ގައުމާ ވާހަކަދެއްކޭނެ މާހައުލެއް އަލުން ބިނާކުރުމަށް ކަމަށާއި، އެކަމަށް އޮތް އެންމެ ރަނގަޅު މަންސައަކީ ސާކްކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ހިމެނޭހެން އަށް ގައުމުގެ މައްޗަށް އެކުލެވޭ ސާކުގެ އެންމެ ފަހުގެ ސަމިޓެއް ބޭއްވުނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ބާއްވަން އުޅުނު ސަމިޓު، ގައުމުތަކުގެ މެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސާކުގެ ގިނަ ގައުމުތަކާއެކު މަސައްކަތް ފެށުމަށް ރާއްޖެ އޮތީ ތައްޔާރަށެވެ. އަދި ހުރިހާ ގައުމުތަކެއް މިކަމުގައި ބައިވެރިކޮށްގެން، ލަސްތަކެއް ނުވެ ސާކުގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމަކީ އަމާޒެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.