މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭގޮތަށް އިންތިޒާމުތައް ހަމަޖައްސާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

"ތިލަފުއްޓައް މި ބަދަލުވަނީ މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނެ. ދެން މާލެ ކޮޅު ބްރިޖް ގޮސް ނިމެނީ އިންޑަސްޓްރިއަލް ވިލެޖަށް. ދެން އިންޑަސްޓްރިއަލް ވިލެޖުގެ އެއް ބައި މިކަނޑައަޅަނީ ޕޯޓުގެ ދެން ހުރި މަސައްކަތްތަކަށް. އެހެންވީމަ މިހާރު މާލޭ ޕޯޓުގައި މިހިނގާ ބައެއް ކަންކަމަކީ އިންޑަސްޓްރިއަލް ވިލެޖުގައި، ޓީޖެޓީއާއި މި ސަރަހައްދުގައި ޕްލޭން ކުރެވިގެން ހަމަޖެހިގެންދާނެ. އެހެންވީމަ މާލޭގެ އެފަރާތުން ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ" ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދު އާ މަރުހަލާއަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އާ ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިޖިޓަލައިޒް ކުރެވިގެން ކަމަށާއި، އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ނުނިމުނު ކަމުގައިވިއަސް، ކޮންޓެއިނަރު އޮޕަރޭޝަންތަކާއި ރޯރޯ ފެރީގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށީގައި އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، ވިޔަފާރިވެރިންނަށް ލުއިތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ،

ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ބިމެއްގައި ހެދޭ ތަނަކަށްވާއިރު، އެ ތަނުގެ މަގަތުފާލަންވެސް މިހާރުގެ ފާލަމަށްވުރެ ތިން ގުނަ ދިގުވާނެއެވެ.

ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ސަބަބުން، މުދާ ބަރުކުރުމާއި ބޭލުމުގެ މަސައްކަތްތަކަށް ބޮޑު ފަސޭހައެއް ލިބި، ތަކެތީގެ އަގު ހެޔޮވެ، އިގްތިސޯދަށް އެތައް ގުނައަކުން ފުޅާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.