ބަޖެޓުގައި ފައިސާ ނެތުމުގެ ސަބަބުން ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މުޅިން ހުއްޓިފައިވާ ކަމަށާއި، އެ މަޝްރޫއުތަކަށް ވަމުންދާ ގޮތުގެ އެއްވެސް މައުލޫމާތެއް ސަރުކާރަށް ނޭނގޭކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަަދައްކަވަމުން ނަޝީދު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހުއްޓިފައިވާ މިންވަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވަނީ އެ މަނިކުފާނު ރަށްރަށަށް ވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ސަރުކާރަށް މަޝްރޫއުތަކުގެ ތަފުސީލު ހާމަނުކުރެވިގެން އުޅެނީ، އެކަންކަން ބަލާނެ ނިޒާމެއް ސަރުކާރުގައި ނެތުމުންކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހުރިހާ މަޝްރޫއެއް ހުރީ ހުއްޓިފައި. މި ސަރުކާރުގައި ފައިސާއެއް ނެތް އެއްވެސް މަޝްރޫއެއް ހިންގާކަށް. އެހެންވީމަ އެ މަޝްރޫއުތަކެއް ނުހިނގާ. އަޅުގަނޑު ޑރ. މުއިއްޒަށް ދަންނަވަން ރާއްޖޭގެ ރަށަކަށް ގޮސް ބައްލަވާލައްވަން. ވަޑައެއް ނުގަންނަވައޭ. ރާއްޖޭގެ ރަށެއްގައި ކަންކަން ހިނގާ ގޮތް މިހާރު އެމަނިކުފާނަށް އޮޅިވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރުގެ އެމްޑީޕީ ސަރުކާރުން މަޝްރޫއުތަކުގެ މައުލޫމާތު ބެލެހެއްޓުމަށް ތައާރަފުކުރި "އައިލްސް" ޕްރޮގްރާމް މި ސަރުކާރުން ވަނީ ހުއްޓާލާފައި ކަމަށެވެ.

ސަރުކާރުން މަޝްރޫއުތައް ނުހިންގިގެން އުޅޭއިރު، އެކަންކަން ކުރަން ބޭނުންވާ ކައުންސިލްތަކަށްވެސް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.