ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގިނަ އަދަދެއްގެ ފައިސާ ހަލާކުވި މައްސަލައެއްގައި، އެކަމާ ހަވާލުވެ ހުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފިއެވެ.

މި ހާދިސާއަކީ 2019 ވަނަ އަހަރު ފުލުހުން ތަހުގީގު ކުރި މައްސަލައެއްގެ ތެރެއިން ހިފެހެއްޓި 30،000 އެމެރިކާ ޑޮލަރަށް ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ތެރޭގައި ލިބުނު ގެއްލުންތަކަކާ ގުޅޭ މައްސަލައެކެވެ.

ފުލުހުން މިއަދު ބުނީ އެ ފައިސާތައް ހަލާކުވާން މެދުވެރިވީ އެ ތަކެތި ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފުގެ އިހުމާލުން ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު، މުވައްޒަފާމެދު ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިކަމަށް ފުލުހުން ބުންޏެވެ.

އެ ބޯޑުން މިމަހުގެ ހަތްވަނަ ދުވަހު ނިންމާފައިވަނީ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށްކަމަށް ފުލުހުން ބުންޏެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމުގެ މަރުހަލާ ނިމެންދެން އޭނާ މިހާރު ހުރީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިކަމަށް ފުލުހުން ބުންޏެވެ.