އިދިކޮޅު އެމްޑީޕީން އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށާއި އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ނަޝީދު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އޮތީ އިސްލާމީ ގައުމުތަކާ ދުރު ސިޔާސަތެއް ކަމަށާއި އެޕާޓީގެ ވެރިކަމުގައި އޮތީ އިޒްރޭލް ޕްރޯ ސިޔާސަތެއް ކަމަށް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ނަޝީދު ރޭ ވިދާޅުވީ އިޒްރޭލްގެ ލާއިންސާނީ އަމަލުތައް ހަނދާން ނުނެތޭ ކަމަށާއި އެ ޕާޓީ އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށެވެ.
"ކާކުތޯ އިޒްރޭލަށް ތާއީދުކުރާނީ. އަޅުގަނޑުމެންގެ ޓީވީތަކުން އެ ފެންނަމުންދާ މަންޒަރުތައް. އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަމަލުތައް ކާކުތޯ ހަނދާން ނެތޭނީ. ކާކުތޯ އިޒްރޭލަށް ތާއީދުކުރާނީ. އެމްޑީޕީއެއް ނުކުރާނެ. އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަން ކަމަށްޓަކައި ތާއަބަދު މަސައްކަތް ކުރަމުންދާ ފަލަސްތީން ރައްޔިތުންނާ އެކީގައި،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ވިސްނުމާ މުޅިން ހިލާފު، އިޒްރޭލަށް ފަހި ހާރިޖީ ސިޔާސަތެއް ކަމަށެވެ.
އެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އާއި އަރަބި އަދި އިސްލާމީ ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ، ދިވެހިންގެ ސަގާފަތާއި އަގީދާއާ ބީރައްޓެހި ހާރިޖީ ސިޔާސަތެއް ތަންފީޒު ކުރެވުނު ކަމަށެވެ.
"މީގެ ކުރީގައި އެމްޑީޕީގެ ވެރިކަން މިތާނގައި ހިނގި ކޮންމެ ފަހަރެއްގައި އޮތީ އޭގެ ދިމާ އިނދިކޮޅު. މި ހަގީގަތް ފެންނަން އޮތް. ޕްރޯ އިޒްރޭލު ފޮރިން ޕޮޮލިސީއެއް މިތާ ތަންފީޒު ކުރި. އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތީ. މީކީ ދިވެހިންނަށް ދޯޅު ގޮތެއް ނޫން. ދިވެހިންނާ ބީރަށްޓެހި ހާރިޖީ ސިޔާސަތެއް އެއީ" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް