ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސް ވިދާޅުވީ ގައުމުގެ އިގުތިސޯދީ ކުރިއެރުމާއި ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި، މުޖުތަމައުގެ އެކި ފަންތިތަކުގެ ޖަމިއްޔާތަކާއި ވަޒީފާދޭ ފަރާތްތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް އަބަދުމެ ސަމާލުވެ ތިބެންޖެހޭ ކަމަށެވެ.
އިންސާނީ ކަރާމާތާއި މިނިވަންކަމާއި އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އިން ބާރުއަޅަނީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މުޅި ސަރަހައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، އޭގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ހާލަތަށްދާކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.
ރާއްޖެއަކީ ބައިނަލްއަގުވާމީ ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިގުތިސޯދު ބިނާވެފައިވާ ގައުމަކަށްވާ އިރު، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ ވެސް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، މި ޒިންމާ އަދާކުރުމަށްޓަކައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ސައްހަ ނޫން ވޯކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިސްލާހުތައް ގެންނަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވޯކާސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ގާއިމުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ބޭނުމަކީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އަދި ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް މުއައްސަސާތައް އިތުރަށް ގާބިލުކުރުން ވެސް މީގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިން ސްޓްރެޓީޖިކް ޕްލޭން 2026-2029 އެކުލަވައިލުމަކީ، އަނިޔާ ލިބޭ ފަރާތްތައް ދެނެގަނެ ރައްކާތެރިކަން ދިނުމާއި ތަހުގީގުކުރުމާއި ދައުވާކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ބައިވެރިން ހިމެނޭހެން ހުރިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ސާފު މަގުޗާޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އަދިވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ބޭނުން ވަނީ އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކެއް ކަމަށެވެ. އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެމަނިކުފާނު ވަނީ މުއައްސަސާތަކުން އެއް އަޑަކުން ވާހަކަދައްކައި ގައުމުގެ ތަރައްގީއާ އެކު އަދުލު އިންސާފު ގާއިމުވެ، ކޮންމެ މީހަކަށް އިހުތިރާމާއި ގަދަރާއެކު މުއާމަލާތް ކުރެވޭނެ ފަދަ ރާއްޖެއެއް ބިނާ ކުރުމަށް އަޒުމް އާކުރުމަށް ގޮވާލައްވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް