ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ޑައިވް ކުރުމާއި މޫދުގެ ކުޅިވަރުތައް (ވޯޓާ ސްޕޯޓްސް) ކުރިއަށް ނުގެންދިއުމަށް އެމްއެންޑީއެފްގެ، ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ވަގުތުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު ހަވީރު 15:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. ހާއްސަކޮށް ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ދަތުރެއް ނުކުރުމަށާއި، ކަނޑުމަތީގެ ހަރަކާތްތައް ނުބޭއްވުމަށް ކޯސްޓްގާޑުން އަންގާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން، ކަނޑު ދަތުރުކުރާ އެންމެހައި ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަގީންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.