ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ވެވުނު 'ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް' (އެމްޓީޕީޓީއޭ) އަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދެ ގައުމުގެ އިގުތިސޯދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެގައުމަށް އެކްސްޕޯޓް ކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ޓެރިފް ކުޑަވާނެ ކަމަށެވެ. މީގެ ސަބަބުން 85 މިލިއަނަށްވުރެ ގިނަ ކޮންސިއުމަރުންގެ މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އަދި ހަމައެއާއެކު، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި ޒަރޫރީ މުދާ ހޯދުމުގައި ފުޅާ ދާއިރާއެއްގައި މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭ ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެމްބަރު 2024 ވަނަ އަހަރު އެވެ. އެއަށް ފަހު އެގްރީމެންޓްގައި ހިމަނާނެ ކަންކަމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާތައް ކޮށްފައެވެ.