އެއްބަސްވުމެއްގެ މައިގަނޑު ކަންކަމަށް އެއްބަސްވެވިއްޖެ ކަމަށާއި އެމެރިކާއިން އީރާނަށް ދޭން ރޭވި އަސްކަރީ ހަމަލާތައް ކެންސަލްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

ޓްރޫތު ސޯޝަލްގައި އާންމުކުރެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ހަމަލާތައް މަޑުޖައްސާލީ އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެކަމަށް އެދުމުންނެވެ. އެމެރިކާގެ އަސްކަރީ ތައްޔާރީތަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ،

“ދެވަނަ ބޮޑު ހަނގުރާމަޔަށް ދުނިޔެ ފަހު ނުދެކޭ ފަދަ ބާރުގަދަ އަދި ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭން އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި” ކަމަށެވެ.

ނަމަވެސް، އެއްބަސްވުމެއްގެ މައިގަނޑު ކަންކަމާ މެދު މިހާރު އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ހޮރުމުޒް ކަނޑުއޮޅި ވަގުތުން އަދި އެއްކޮށް ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއަރ ނުރައްކާ ނިމުމަކަށް ގެނައުން ހިމެނޭނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އެއްބަސްވުމަށް އަމަލުކުރުމުގައި އިސްރާއީލުން ވެސް ބައިވެރިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ދުނިޔޭގެ މުސްތަގުބަލަށާއި އީރާނުގެ ކުރިއެރުމަށްޓަކައި، އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކާ ހަމަޔަށް އާދެވޭނެ ކަމުގެ ޝަރުތުގެ މަތީން ހަމަލާތައް ކެންސަލްކުރެއްވީ ކަމަށް ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.