އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑު (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިއަދުއެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕްރަވަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ބުނީ އެގްރޯނެޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު އައްޔަންކޮށްފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް ކަމަށެވެ.

ޝަޒްހަތަކީ 2017 ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެގޮތުން އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ހަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުމުގައި، ޝަޒްހަތުގެ ތަޖުރިބާ ފާހަގަ ކޮށްލެވެއެވެ.

ޝަޒްހަތު ވަނީ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާއިން ފައިނޭންސްގެ ދާއިރާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނާސް) ވެސް ފުރިހަމަކުރައްވައިފައެވެ.