އަމީނީމަގުގެ ތާރުގަނޑު ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށްޓަކައި، މިރޭ 12:00 އިން ފެށިގެން އެ މަގުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ފުލުހުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ބަންދުކުރާނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް ކަމަށެވެ. އެ ބަދަލާ އެކު، އިއްޒުއްދީން މަގުން އަމީނީމަގަށް އުޅަނދުތައް ނުނިކުމެވޭނެގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން، ބަންދުކުރާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މަގު ބަންދުކުރުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މާފަށް އެދިފައެވެ.

އަމީނީމަގަކީ ބަހުގެ ހިދުމަތް ދޭ މުހިންމު މަގަކަށް ވާތީ، މަގު ބަންދުކުރުމުން ބަސް ދަތުރުތަކަށް ބަދަލު އަންނާނެއެވެ. މި ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން ފުލުހުން ވަނީ ޓްރެފިކް ފްލޯ ދައްކައިދޭ ޗާޓެއް ވެސް އާންމުކޮށްފައެވެ.

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ގައެވެ. މިއީ ކުރީގެ ސަރުކާރުން ހަދާފައިވާ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ މީހުންނަށް ނުރައްކާވާތީ ކުރިއަށްގެންދާ މަރާމާތެކެވެ.

އަމީނީމަގުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2022 ވަނަ އަހަރު ނަމަވެސް، މަގުގެ ފެންވަރު ދަށްވުމުގެ ޝަކުވާ އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑުވެފައެވެ.