އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިވަގުތުވެސް 81 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދަވާ ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މި ސަރުކާރު އައިފަހުން ކިތައް މިސްކިތް ނިންމައި ބޭނުންކުރެވިފައިވޭތޯ އާއި މިހާރު އިމާރާތް ކުރަމުންދާ މިސްކިތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އިސްލާމީ އެއްމެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ވަގުތު ކަމަށެވެ. އެގޮތުން މިހާރު ވެސް 80 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި ވަގުފު އިމާރާތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިގުތިސޯދީ ދަތިތަކާއި ހަނގުރާމައާ ހެދި ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ނަމަވެސް އެ ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫއުތައް ނިންމަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިދިޔަ ރޯދަ މަހުގެ ކުރިންނާއި ރޯދަ މަހުގެ ތެެރެއާއެކު ވިއްސަކަށް މިސްކިތް ހުޅުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.