ހުޅުމާލޭގައި ހުރި ޓިނު މިސްކިތްތައް ހިމެނޭގޮތުން މާލޭ އޭރިޔާގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި މިއަހަރުގެ ތެރޭގައި ދާއިމީ މިސްކިތްތައް ގާއިމު ކުރެވޭނެ ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މި ސަރުކާރު އައިފަހުން ކިތައް މިސްކިތް ނިންމައި ބޭނުންކުރެވިފައިވޭތޯ އާއި މިހާރު އިމާރާތް ކުރަމުންދާ މިސްކިތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ ރޯދަ މަހުގެ ކުރިން ވިއްސަކަށް މިސްކިތް ހުޅުވޭނެ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހަދާފައި ހުރި ޓިނު މިސްކިތްތައް ހިމެނޭހެން، މާލޭ އޭރިއާގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި މިއަހަރުގެ ތެރޭގައި ދާއިމީ މިސްކިތްތައް ބިނާ ކުރެވިގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އިސްލާމީ އެއްމެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ވަގުތު ކަމަށެވެ. އެގޮތުން މިހާރުވެސް 80 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި ވަގުފު އިމާރާތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"މާލޭ އޭރިޔާގައި ހުރި ވަގުތީ މިސްކިތްތައް، ހުޅުމާލޭގައި ޓިނުން ހަދާފައި ހުރި ތަންތަން މިއަހަރުގެ ތެރޭގައި ރިމޫވް ކުރެވޭނެ، ދާއިމީ މިސްކިތް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމް ކުރެވިގެންދާނެ މިއަހަރު ނިމުމުގެ ކުރިން،"

މިނިސްޓަރު ވިދާޅުވީ، އިގުތިސޯދީ ދަތަކާއި ހަނގުރާމައާ ހެދި ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ނަމަވެސް އެ ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫއުތައް ނިންމަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިދިޔަ ރޯދަ މަހުގެ ކުރިންނާއި ރޯދަމަހުގެ ތެެރެއާ އެކު ވިއްސަކަށް މިސްކިތް ހުޅުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.