މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ގެ ނަމުގައި "ޕާލް ރެޒިޑެންސް ވިސާ"ގެ ނަމުގައި އިންވެސްޓަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ތައާރަފު ކުރާ ރެޒިޑެންސް ވިސާ މަޝްރޫއު ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި ޕާލް ރެޒިޑެންސް ޕްރޮގްރާމާ ގުޅޭ ހުރިހާ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފުކުރަން ވަނީ ހުށަހަޅައިފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ- ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރާއްޖޭން ވަނީ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ސާވިސް އެގްރިމެންޓުގައި ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކޮށްފައެވެ.

އޭގެ ފަހުން މިދިޔަ މާޗު މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީީ އެ ވިސާ ތައާރަފު ކުރުމަށް އެޓާނީ ޖެނެރަލްއާ އެކު ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ޝަމްހީދުގެ ގަރާރުގައި ވަނީ މޯލްޑިވްސް ޕާލް ރެޒިޑެންސީ ޕްރޮގްރާމުގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ބަދަލުގައި އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެ ވިސާއާ ގުޅޭ މަސައްކަތްތައް ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައި ވަނީ އެއާ ގުޅޭ މާލީ އަދި ގާނޫނީ މައުލޫމާތު މަޖިލީހާ ހިއްސާނުކޮށް ކަމަށް ވެސް ގަރާރުގައިވެއެވެ.

ގަރާރުގައި ވަނީ، ދައުލަތަށް އާމްދަނީ އެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި ގައުމީ ސަލާމަތާއި ޓެކްސް އަދި ރާއްޖޭގެ ބިންތަކާއި ދައުލަތުގެ މާލިއްޔަތާ ސީދާ ގުޅިފައިވާ ބާރެއް ކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ ސިޔާސަތެއްގެ އެންމެ މަތީ ދަރަޖައިގެ ހާމަކަމާއި ޖަވާބުދާރީވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ބެލެނިވެރިކަމުގެ ދަށުން ކުރިއަށް ގެންދިއުން ލާޒިމު ކަމަށްވެސް ގަރާރުގައިވެއެވެ.

ގަރާރުގައި ވަނީ އެ މަޝްރޫއާބެ ހޭގޮތުން ގަރާރުގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އިންވެސްޓްމަންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން އެ ޕްރޮގްރާމްގެ ހުށަހެޅުންތައް ބަލައިގަތުމާއި ޕްރޮސެސް ކުރުމާއި ހުއްދަދިނުން ވަގުތުން ހުއްޓައިލުމަށް ވަނީ އެދިފައެވެ.

ހެންލީ އެންޑް ޕާޓްނާސް އާއި އެ ކުންފުންޏާ ގުޅުންހުރި ފަރާތްތަކާ އެކު ވެފައިވާ އެންމެހައި އެއްބަސްވުންތަކާއި ފީތަކާއި ކޮމިޝަންތަކާއި އެކްސްކްލޫސިވިޓީގެ ޝަރުތުތައް ހިމެނޭގޮތަށް، އެއްވެސް އުނިކުރުމެއް ނެތި، 14 ދުވަހުގެ ތެރޭގައި މަޖިލިހަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

އޭގެ ތެރެއިން ހަތް ކަމަކަށް އެ ގަރާރުގައި އިލްތިމާސްކޮށްފައިވާ އިރު، އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެއް ވެސް ގަރާރުގައި ހިމަނާފައިވެއެވެ.

އެގޮތުން ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިކޮނޮމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އާއި ކޮންޓްރޯލާ ޖެެނެރަލް އޮފް އިމިގްރޭޝަން އާއި އެމްއެމްއޭގެ ގަވަރުނަރު ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމާއި މި މައްސަަލަ ކަމާބެހޭ ދާއިމީ ކޮމިޓީއަކަށް ފޮނުވައިގެން 60 ދުވަހުގެ ތެރޭގައި މަޖިލީހަށް ރިޕޯޓް ހުށަހެޅުމަށް ވަނީ ހިމަނައިފައެވެ.