މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބޭނުންކޮށްފައިވާ ބާވެ ހަލާކުވެފައިވާ ނުވަ ބަހެއް ނީލަމުގައި ވިއްކާލުމަށް އިއުލާންކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ ނީލަން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަގު ހުށަހަޅާ ސިޓީ ފޮނުވަން ޖެހެނީ ހެންވޭރުގައި ހުންނަ އެ ކުންފުނީގެ ޓްރޭޑިން ޑިވިޝަން، ހެންވޭރު ސޯމިލްއަށް ކަމަށެވެ.

އެ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ ވޯލްވޯގެ ދެ ބަހާއި، މޭންގެ ދެ ބަހުގެ އިތުރުން އަޝޯކް ލޭލެންޑްގެ ފަސް ބަހެއްކަމަށް އެމްޓީސީސީން ބުންޏެވެ. އެ ހުރިހާ ބަހެއްގެ ވެސް ނީލަން ފެށޭ އަގަކީ 25,000 ރުފިޔާ ކަމަށްވާއިރު، ކޮންމެ ފަހަރަކު އަގު އިތުރުކުރެވޭނީ މަދުވެގެން 10,000 ރުފިޔާއިންކަމަށް އެމްޓީސީސީން ބުންޏެވެ.

ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000 ރުފިޔާ އެމްޓީސީސީގެ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެއެވެ. އަދި ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން އެ ޑިވިޝަންގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެ ނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

ނީލަމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށާއި، އަދި ނީލަމާ ގުޅޭ އިތުރު ތަފުސީލުތައް އެ ކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުންވެސް ފެންނަން ހުންނާނެކަމަށް އެމްޓީސީސީން ބުންޏެވެ.