ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ ވިޔަފާރީގެ ހާއްސަ އެއްބަސްވުމުގެ ދަށުން ޑިއުޓީ އިނާޔަތް ހޯދުމަށް، އެ ގައުމަކުން ދޫކުރާ "ސެޓްފިކެޓް އޮފް އޮރިޖިން" ހުށަހަޅަން ޖެހޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
މިދިޔަ އޯގަސްޓް މަހުން ފެށިގެން އަމަލުކުރަން ފެށި ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ގެ ދަށުން ތުރުކީން އެތެރެކުރާ 404 ބާވަތެއްގެ މުދަލުން ޑިއުޓީގެ ލުއި ލިބޭނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ޑިއުޓީ ކަނޑާލި 293 ބާވަތެއް ހިމެނޭއިރު، 111 ބާވަތަކީ ކުރިންވެސް ޑިއުޓީ ފްރީކޮށް ހުރި ތަކެއްޗެވެ.
ކަސްޓަމުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ އިނާޔަތްތައް ދެވޭނީ ހަމައެކަނި ތުރުކީވިލާތުގައި އުފައްދާ އެ ގައުމުގެ އަމިއްލަ މުދަލަށް ކަމަށެވެ. އެހެންކަމުން، އެއީ ތުރުކީގެ އުފެއްދުމެއްކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ "ޕްރިފަރެންޝިއަލް ސެޓްފިކެޓް އޮފް އޮރިޖިން" ކަސްޓަމްސްއަށް ހުށަހެޅުން މިހާރު ވަނީ ލާޒިމުކޮށްފައިކަމަށް ކަސްޓަމުން ބުންޏެވެ.
އަދި ލުއި ލިބޭ މުދަލުގެ ތަފުސީލު ކަސްޓަމްސްގެ "ޓެރިފް ސާޗް ޓޫލް" މެދުވެރިކޮށް ބަލާލެވޭނެކަމަށް ކަސްޓަމުން ބުންޏެވެ.
އިކޮންމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ދެ ގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަދަކޮށް، ދިވެހި އުފެއްދުންތަކަށް ބޭރުގެ މާކެޓްތައް ހުޅުވައިދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަހަރަކު ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ވިޔަފާރި މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ހިނގާއިރު، އެ އެއްބަސްވުމުގެ ސަބަބުން އަސާސީ މުދާ ހެޔޮ އަގުގައި ލިބުމަށް މަގުފަހިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްފަހު، ރާއްޖެއިން ބޭރު ގައުމަކާއެކު ވެފައިވާ މިފަދަ ދެވަނަ އެއްބަސްވުމެވެ. ޗައިނާ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ސަރުކާރުން ދަނީ އިންޑިއާއެކުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
ކޮމެންޓް