ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ހަތް މީހަކު މަރުވުމާ ގުޅިގެން، އެ ގައުމުގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.
ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ގޮތުގައި، މި ހާދިސާތަކުގައި ފަސް މީހަކު މަރުވީ ބިންގަނޑު ކަނޑައިގެން ގޮސް ގެތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުންނެވެ. އަނެއް ދެ މީހުން މަރުވީ ފެންބޮޑުވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ޑީއެމްސީގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލި ވިދާޅުވި ގޮތުގައި، މި ކާރިސާގައި 129 ގެޔަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު 3،500 އެއްހާ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ފާއިތުވި ދެ ދުވަހު ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގެ ގެތަކާއި ދަނޑުބިންތަކުގެ އިތުރުން މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެންމެ ބޮޑަށް ގެއްލުންވެފައިވަނީ މެދުތެރޭގެ ފަރުބަދަމަތީ ސަރަހައްދުތަކަށް ކަމަށް ޑީއެމްސީން ބުނެފައިވެއެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތަކަށް ބޮޑެތި ހިލަތަކާއި ކަރަންޓު ތަނބުތައް ވެއްޓި، ބައެއް ސަރަހައްދުތަކުގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާ ކަމަށް ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ސިފައިން މިހާރު އަންނަނި ހަރަކާތްތެރިވަމުންނެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް