ހިމިބިހި (މީސްލްސް) ޖެހުނު މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ހިއްސާ ކުރި ތަފާސްހިސާބުތަކުން މިދިޔަ ހަފުތާގައި އަލަށް ހިމިބިހި (މީސްލްސް) ޖެހިފައިވަނީ 13 މީހަކަށެވެ. އަދި މިއަހަރުގެ މިހާތަނަށް 199 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.
އެ އަދަދު ދަށަށް ގޮސްފައިވާ އިރު، ހިމަބިހީގެ ވެކްސިން ޖަހާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވެކްސިން ދެމުންދާ އިރު، މިދިޔަ ހަފުތާގެ ނިޔަލަށް 12971 މީހުން ވެކްސިން ޖަހާފައިވެއެވެ.
ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ދިޔުމުން ވެކްސިން ޖަހައިދޭނެ އިންތިޒާމު އެޗްޕީއޭއިން ވަނީ ހަމަޖައްސައިފައެވެ.
މާލޭގެ ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނެއެވެ.
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި ބަލީގެ އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފައެވެ.
ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދާ ފަރާތްތަކުން، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދެެއެވެ.
ފާތިމަތު ލިއުޝާ
ކްރިމިނަލް ކޯޓް
ބޭރު ކުޅިވަރު
ކޮމެންޓް