ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުންނާއި މަހާސިންތާގެ ބައިވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އުކުޅަހުގައި މިހާރު ކުރިއަށްދާ މި މަހާސިންތާއަކީ އދ. ގެ އިގުތިސޯދީ އަދި އިޖުތިމާއީ ކަންތައްތަކާ ބެހޭ ޖަމިއްޔާ އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ބާއްވާ ހާއްސަ ހަރަކާތެކެވެ.

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަހާސިންތާގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާނެއެވެ.

މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ ގާބިލުކަން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެ ގައުމުތަކުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމެވެ.

މި މަހާސިންތާގައި އެކި ގައުމުތަކުން 80 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މަހާސިންތާގެ މިއަދުގެ ސެޝަންތަކުގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުގެ ދައުރާއި ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.