ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ދެފުށްފެންނަ މާލީ ނިޒާމެއް މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ކުރިއަށްގެންދިޔަ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާ ހޭދަކުރަން ޖެހޭނީ އެންމެ އެކަށޭގެ ގޮތެއްގައި ކަމަށެވެ.

އެކަން ހާސިލްކުރުމަށް މުއައްސަސާތައް ވަރުގަދަކޮށް، މާލީ ކަންކަން ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ހޯދައިދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ 2.0 ގެ ވިސްނުމަކީ ހަމައެކަނި ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމެއް ނޫން ކަމަށާއި މިއީ ހިންގުމުގެ ނިޒާމު މުޅިން ބަދަލުކޮށް، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގައުމީ ތަރައްގީ ހާސިލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ޖިއޮގްރަފީގެ ހުރަސްތަކާއި ދުރުމިނުގެ މައްސަލަތަކާއި އަދި ވަސީލަތްތައް މަދުވުމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް ބަދަލުތަކަކީ ލިބިފައިވާ އެންމެ ބޮޑު އެއް ފުރުސަތު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ހިކުމަތްތެރިކަމާއެކު ގައުމު ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އިގުތިސޯދީ ގޮތުން ހަރުދަނާވުމަކީ ގޮންޖެހުންތަކުން ދުރުވުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެފަދަ ގޮންޖެހުންތަކުގެ ތެރެއިންވެސް ރަނގަޅު ގޮތުގައި ގައުމު ހިންގައި، އެކަންކަމުން އަރައިގަތުމަކީ އިގުތިސޯދީ ހަމަޖެހުމުގެ އަސްލު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.