ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންޒޯނާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ. އެ ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ހުށަހެޅުމާ އެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުން ހޯދާފައިވާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން، ލ. މުންޑޫ ސެވެންސްޓާ އަލީ ނާޒިމް (44އ) ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ފޮށި ހޯދައި ބަލައި ފާސްކުރި އިރު 248,500 އަށްވުރެ ގިނަ ރުފިޔާ އާއި އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.