ރަތް ކަނޑާއި އަދަން ކަނޑުގައި ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ދެ ޓޭންކަރަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނި ގޮތުގައި، ރަތް ކަނޑުގެ އުތުރުން ސައުދީގެ ޔަންބޫ ބަނދަރު ކައިރިން ހަމަލާދީފައިވަނީ “ވަފާ” ނަމަކަށް ކިޔާ ޓޭންކަރަކަށެވެ. އަދި އަދަން ކަނޑުން ހަމަލާދީފައިވަނީ “ޑެއިޒީ” ނަމަކަށް ކިޔާ ޓޭންކަރަކަށެވެ. މި ހަމަލާތަކަކީ ޖުލައި 22 ވަނަ ދުވަހު ހޫތީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފެށި ކަނޑުމަގުގެ ހިސާރުގެ ދަށުން ދިން ހަމަލާތަކެއް ކަމަށް އޭނާ ބުންޏެވެ.

މިއީ މި ހިސާރުގެ ދަށުން ހޫތީން ހަމަލާދިން ކަމަށް ބުނާ ސައުދީގެ 8 ވަނަ އަދި 9 ވަނަ ތެޔޮ ޓޭންކަރެވެ. މީގެ އިތުރުން، ރަތް ކަނޑާއި އަރަބި ކަނޑުން ދަތުރުކުރަން އުޅުނު ސައުދީގެ 29 ޓޭންކަރެއް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ހޫތީން ބުނެއެވެ.

ސައުދީ އަރަބިއްޔާއިން އެ ގައުމުގެ ތެޔޮ ޓޭންކަރުތައް ރަތް ކަނޑުގެ އުތުރަށް މިސްރާބު ބަދަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ސަރަހައްދުގައި ދޭ ހަމަލާތައް އިތުރުކުރާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފައެވެ.

އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓުކުރާ މައި ބަނދަރަކަށް ޔަންބޫ ބަނދަރު ވަނީ ވެފައެވެ. މިއާއެކު ބާބުލް މަންދަބް ކަނޑުއޮޅިއަކީ ސައުދީގެ ތެޔޮ އެކްސްޕޯޓުކުރުމަށް ބޭނުންކުރާ މުހިންމު މަގަކަށް ވަނީ ބަދަލުވެފައެވެ.

ކަނޑުދަތުރުފަތުރުގެ މައުލޫމާތު އެއްކުރާ ކުންފުންޏެއް ކަމަށްވާ ކެޕްލަރގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރުގެ މާޗު މަހުން ފެށިގެން ޖުލައި މަހުގެ މެދަކާ ހަމައަށް ބާބުލް މަންދަބް ހުރަސްކޮށް ސައުދީން އެކްސްޕޯޓުކުރި ތެލުގެ މިންވަރު ވަނީ 8 ގުނަ އިތުރުވެފައެވެ. ޖޫން މަހު އެކަނި ވެސް 100 މިލިއަނެއްހާ ފީފާގެ ތެޔޮ އެކްސްޕޯޓުކޮށްފައިވެއެވެ.