މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 9 ޕަސަންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 179 މިލިޔަން ރުފިޔާއެވެ.

އުރީދޫއިން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުން ކަމަށްވާއިރު، އެއީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މޯބައިލް ހިދުމަތްތައް ފޯރުކޮށްދީގެން އެ ކުންފުންޏަށް 380 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ހިދުމަތްތަކުން ލިބުނު 394 މިލިޔަން ރުފިޔާއާ އަޅައިބަލާއިރު ދަށް އަދަދެކެވެ.

މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތުން ލިބުނު އާމްދަނީއަށް ވަނީ ކުރިއެރުން ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކުން 155 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާއިން ލިބުނު 152 މިލިޔަން ރުފިޔާއާ އަޅައިބަލާއިރު 2 ޕަސަންޓުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 536 މިލިޔަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 547 މިލިޔަން ރުފިޔާއެވެ.

ދެވަނަ ކުއާޓަރުގައި އުރީދޫއަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 203 މިލިޔަން ރުފިޔާއެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 210 މިލިޔަން ރުފިޔާއެވެ.