ފުރަތަމަ ފޮރިން ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ ގޮތުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯކަމުގެ މަގާމަށް އައްޔަން ކުރި، ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓަލީ ލުބިމޯވް އެމަގާމުން ވަކި ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ފައިސާ ހޯދަން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ފައިސާ ނަގައިދެވޭނެ ހަމައެއް ނެތް ކަަމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.
މިފްކޯގެ ސީއީއޯ ކަމުގެ މަގާމަށް ވިޓާލީ އައްޔަންކުރީ 10 ޑިސެމްބަރު 2024 ގައެވެ.
އޭނާ އެ މަގާމުން ވަކިކުރީ ތިނެއް މާޗް 2025 ވަނަ ދުވަހުއެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެއެވެ.
ނޯޓިސްއެއް ނުދީ ސީސީއޯކަމުގެ މަގާމުން ވަކިކުރުމާ ގުޅިގެން ވިޓާލީގެ ފަރާތުން 17 މާޗް 2025 ގައި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބައުނަލަށް ހުށަހެޅިއެވެ.
މި މައްސަލައިގައި އޭނާ އެދިފައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަސް ދުވަހުގެ މުސާރަ ނުދީ ކަމަަށް ކަނޑައަޅައިދިނުމަށާއި ތިން މަސް ދުވަހުގެ ނޯޓިސް ނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު މިފްކޯއިން އޭނާއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް މި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ބުނެ މިފްކޯއިން އިޖުރާއީ ނުކުތާއެއް ނެގިއެވެ.
އެ އިޖުރާއީ ނުކުތާގައި މިފްކޯއިން ބުނެފައި ވަނީ، ސަރުކާރުގެ ކޮންމެ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށް ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ކުންފުންޏެއްގައި މެނޭޖިން ޑިރެކްޓަރެއް ހުންނަން ޖެހޭނެ ކަމަށާއި އެ މަގާމުގައި ހުންނަ މީހަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން މީހަކަށް ވާން ޖެހޭނެ ކަމަށް ގާނޫނުގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ކުންފުނީގެ ޑިރެކްޓަރުންނަށް ލިބިގެންވާ އާއްމު ބާރުތަކާއި ހައްގުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ އިތުރުން، ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅާ ގޮތަށް ނުވަތަ ކުންފުނީގެ ބޯޑުން ކަނޑައަޅާ ގޮތުގެ މަތިން، ކުންފުނީގެ ހިންގުމުގެ މައިގަނޑު ބާރުތަކާއި ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް މެނޭޖިން ޑިރެކްޓަރާ ގާނޫނުން ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި މެނޭޖިން ޑިރެކްޓަރަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިރުޝާދާއި ކޮންޓްރޯލްގެ ދަށުން އެ ބާރުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަނޑައެޅޭ ފަރާތް ކަމަށް ގާނޫނު ބުނާ ކަމަށްވެސް ހުށަހެޅިއެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ އުސޫލުތައް ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިރު، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަވާ ނަންތަކުގެ ތެރެއިން ޕީސީބީން އައްޔަން ކުރާ ބައެއް ކަމަށާއި ޕީސީބީގެ ފަރާތުން ޑިރެކްޓަރަކު ވަކިކުރުމުން، އެ ޑިރެކްޓަރުގެ މަގާމު ހުސްވީކަމަށް ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި މިފްކޯގެ ހިންގާ ގަވާއިދުގައިވާ ގޮތަށް ބަލާއިރު، އެ ކުންފުންޏަށް ޑިރެކްޓަރަކު އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޕީސީބީއަށް ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ހަވާލާދީ، ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެނޭޖިން ޑިރެކްޓަރުންގެ މަގާމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށަށް ފެތޭ ވަޒީފާއެއް ނޫންކަން ސާބިތުވާ ކަމަށްވެސް ހުށަހެޅިއެވެ.
އެެހެންކަމުން މެނޭޖިން ޑިރެކްޓަރުކަމުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، ވިޓާލީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ، ވަޒީފާއާބެހޭ އާއްމު އުސޫލުން ހިންގައި، މައްސަލަ ބެލުމުގެ އިހުތިސޯސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާ މައްސަަލައެއް ނޫން ކަމަށް މިފްކޯއިން ބުންޏެވެ.
އަދި ބަހުސްގެ ބޭނުމަށް ވިޓާލީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ބެލެވޭ ހާލަތުގައި ވެސް، އެފަރާތް މަގާމުން ވަކިކޮށްފައި ވަނީ ޕްރޮބޭޝަންގެ މުއްދަތުގައި ކަމަށް ވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ ކަމަށްވެސް ބުންޏެވެ. އަދި މި މައްސަލަ ބެލުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފޯމް ބާތިލް ކުރުމަށް މިފްކޯއިން އެދުނެވެ.
ނަމަވެސް މިފްކޯއިން ނެގި އިޖުރާއީ މައްސަލައިގައި ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކާއި ދިން ޖަވާބުތަކަށް ބެލުމަށްފަހު، 19 މެއި 2025 ގައި ޓްރައިބިއުނަލުން ނިންމީ މި މައްސަލައަކީ ޓްރައިބިއުނަލަށް ބަލައިގަނެ މައްސަލައާ މެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަަލައެއް ކަމަށެވެ.
އެހެންކަމުން މި މައްސަލަށް މައުލޫއީގޮތުން ޖަވާބުދާރީވުމަށް ޓްރައިބިއުނަލުން މިފްކޯއަށް އަމުރު ކުރިއެވެ.
އެއަށް ފަހު މައުލޫއީ މައްސަލަ ކުރިއަށްދިޔައެވެ.
މައުލޫއީ މައްސަލައިގައި ޓްރައިބިއުނަލުން ބުނެފައި ވަނީ، އެއްވެސް ލިއުމެއް ކުންފުނިން ތަސްދީގުކޮށްފައިވާ ކަމަށް ވާނީ، ސިއްކައެއް އޮތް ކުންފުންޏެއްނަމަ، ސޮއިކުރުމުގެ ހުއްދަ އޮތް އެއް ފަރާތުން ލިޔުމެއްގައި ސޮއިކުރުމާ އެކު ކުންފުނީގެ ސިއްކަ ޖަހާފައިވުން ނުވަތަ ސޮއިކުރުމުގެ ހުއްދަ އޮތް ދެ ފަރާތުން ސޮއިކޮށްފައިވުން ނުވަތަ ހެއްކެއްގެ ހާޒިރުގައި ކުންފުނީގެ އެއް ޑިރެކްޓަރު ސޮއިކޮށް، ހެކީގެ ސޮއިކޮށްފައިވުން ނުވަތަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށްފައިވުން ކަމަށް ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ކުންފުނީގެ ފަރާތުން ސޮއިކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ބެލެވޭނީ، އެ ފަރާތަކީ ކުންފުނީގެ ޑިރެކްޓަރެއް ނުވަތަ ޕްރައިވެޓް ކުންފުންޏެއް ނޫން ކޮންމެ ކުންފުންޏެއްގެ ސެކްރެޓަރީ ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ސޮއިކުރުމުގެ ހުއްދަ އެ ފަރާތަކަށް ދީފައިވާނަމަ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މިފްކޯގެ ހައިސިއްޔަތުން އެއްބަސްވުންތަކުގައި ސޮއިކުރެވޭނީ އެ ފަރާތުގެ ޑިރެކްޓަރަކަށް ނުވަތަ އެ ކަމަށް ހުއްދަ ދެވިފައިވާ ފަރާތަކަށް އެކަނިކަން އެކުންފުނީގެ ހިންގާ ގަވާއިދާއި ކުންފުނީގެ ގާނޫނުން ސާފުވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ވަޒީފާގެ އެއްބަސްވުމުގައި ސިއްކަ ޖަހައި މިފްކޯގެ ފަރާތުން ސޮއިކޮށްފައިވާ މުހައްމަދު ސާއިދަކީ އެ ކުންފުނީގެ ސީނިއާ މެނޭޖަރު އަދި އެޗްއާރް ޑިޕާޓްމަންޓް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ފަރާތްކަމުގައި ވީނަމަވެސ،ް އޭނާއަކީ ކުންފުނީގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތެއްކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ ހެއްކެއް މި މައްސަލައިގެ ތެރެއިން ހުށަހެޅިފައި ނުވާ ކަމަށާއި މުހައްމަދު ސާއިދު ޓްރައިބިއުނަލަށް ދީފައިވާ ހެކިބަހަށް ބަލާ އިރު ވެސް އެއްބަސްވުމުގައި އެޗްއާރްގެ ފަރާތުން ސޮއި ނުކުރެވޭނެ ކަމަށާއި އެއީ ކުރިން ވެސް ޕްރެކްޓިސް ކުރާ ގޮތް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މުހައްމަދު ސާއިދުގެ ބަހުން ވެސް އެ ފަރާތަކީ މިފްކޯގެ އެއްބަސްވުން ތަކުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ ފަރާތެއް ނޫންކަން ސާފުވާ ކަމަށްވެސް ބުނެފައިވެއެެވެ.
އޭގެ އިތުރުން ވެސް މި މައްސަލައިގައި ހިމެނޭ، ޕީސީބީއާ ގުޅުންހުރި ބައިތަކާއި އެހެނިހެން ބައިތަކަށް ބަލާއިރު، ވިޓަލީއާއެކު މިފްކޯއިން ހަދާފައިވާ ވަޒީފާގެ އެއްބަސްވުމަކީ، ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށް ޓްރައިބިއުނަލުން އިއްޔެ ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން ނޯޓިސްގެ ބަދަލުގައި ވިޓަލީއަށް އެއްވެސް ފައިސާއެއް ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ކަނޑައަޅއި ޓްރައި ބިއުނަލުން މައްސަލަ ނިންމިއެވެ.
އިބްރާހިމް ޒަކީ
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ވަޓް އަ ބިގް ޖޯކު! ޝާހިދުގެ މައްސަލަ ބަލާކަށް ނުޖެހޭތޯ އެހެވީމައި؟
އަލިބެ - 3 ދުވަސް ކުރިން