އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން ގުޅުއްވައި، ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ބުރާސްފަތި ދުވަހު ނަތަންޔާހޫ ކުރެއްވި މި ފޯނު ކޯލުގައި، ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ 'ސްޕެޝަލް ސްޓްރެޓީޖިކް ޕާޓްނާޝިޕް' ގެ ދަށުން ހޯދަމުންދާ ކުރިއެރުންތަކާ މެދު ދެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމަށް ފައިދާވާނެ ގޮތަށް އެއްބާރުލުން އިތުރުކުރުމަށް ދެ ލީޑަރުން ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، އިންޑިއާއާއި އިސްރާއީލާ ދެމެދު ވެފައިވާ އިންވެސްޓްމަންޓް އެއްބަސްވުމަކަށް މިދިޔަ ހޮނިހިރު ދުވަހު އަމަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، މައްސަލަތައް ހައްލުކުރުމުގެ ނިޒާމު އަވަސްކޮށްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެއްބަސްވުމުގެ ސަބަބުން، މިހާރު 1 ބިލިއަން ޑޮލަރަށް ވުރެ ދަށުގައި އުޅޭ ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ވެސް ދެ ލީޑަރުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ވެސް ދެ ލީޑަރުން ގުޅުން ބާއްވަވާނެ ކަމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި ފޯނު ކޯލު ކުރިއަށް ގެންގޮސްފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަމަށް ދާއިމީ ހައްލެއް ލިބިފައިނުވާ ވަގުތެއްގައެވެ. އަދި ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.