(31 ޖުލައިގެ އަދަދާ ގުޅޭ)

އަސުރު ވަގުތު ކައިރި ވެގެން އައި އިރު، އަވަށުގެ ގާތްގަނޑަކަށް ސަތޭކަ ފަންސާހެއްހައި މީހުން ގަނޑުވަރުގެ ދޮރުމައްޗަށް އެއް ވެއްޖެއެވެ. ވަށައިގެން ހުރި ކުދިކުދި އަވަށްއަވަށުގެ މީހުން ވެސް ރަންބީރު ވަޑައިގެންނެވި ޚަބަރު ލިބުމުން ބައިބަޔަށް ގަނޑުވަރާ ދިމާޔަށް ދަތުރު ކުރާން ފަށައިފިއެވެ.

ރަންބީރު عبدالواحد ގެ އަރިހުގައި ގަނޑުވަރުން ނުކުމެވަޑައިގެންނެވިއެވެ. އޭނާ ފެނުމާ އެކު އޭނާގެ ބައްޕާފުޅުގެ ޒަމާން ވީ ވަފާތެރީން އައިސް އޭނާގެ ފައިންޕުޅުގައި ބޮސް ދޭން ފަށައިފިއެވެ. އޭގެތެރޭގައި ދުވަސްކޮޅެއްގެ ކުރީން ރަންބީރުގެ ފުރާނަ ސަލާމަތް ކޮށްދިން ޒުވާނުން ވެސް ތިއްބެވެ. ރަންބީރު އެބައިމީހުންނާ ބަޣަލްގީރު ކުރެއްވިއެވެ. ރަންބީރުގެ ބައްޕާފުޅަށް ވަފާތެރި ބައެއް މީހުން ޖޭކްރިޝަންގެ އަނބިކަނބަލުންނާއި ދަރިކަނބަލުންގެ ކިބައިން ޝަކުންތަލާގެ ބަދަލު ހިއްޕަވާން ލަފާ އެރުވިއެވެ. ނަމަވެސް ރަންބީރު ވިދާޅުވީ ޖޭކްރިޝަން ކުރެއްވި ކުށެއްގެ އަދަބު އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނަށް ނުދެއްވާނެ ކަމުގައެވެ. އާރެއްބާރެއް ނެތް އަންހެނުންނަށް އަނިޔާ ކުރާން ހުށައަޅާ ބަޔަކީ އޭނާގެ ރަޙުމަތްތެރީންނެއް ނޫންކަމުގައެވެ. ރަންބީރު އެ މޭރުމުން ވާހަކަފުޅު ދައްކަވައި ވިދާޅުވެ އެބައިމީހުން ހިމޭން ކުރައްވައިފިއެވެ. ރަންބީރު ވިދާޅުވިއެވެ. "އެބޭފުޅުން އެ ތިއްބެވީ އަހަރެންގެ ރައްކައުތެރިކަމުގެ ދަށުގައެވެ. އެބޭފުޅުން ޙިމާޔަތް ކުރުމަކީ އަހަރެންގެ ވާޖިބެކެވެ."

عبدالواحد ވިދާޅުވިއެވެ. "އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! މިތާނގައި އަޅުގަނޑު ކުރާން ހުރި ހުރިހައި މަސައްކަތްތަކެއް މިހާރު ނިމުނީއެވެ. އަޅުގަނޑު އިތުރަށް ލަސް ނުކޮށް ނުލައި މިތަނުން ދަތުރު ފަށާން ބޭނުމެވެ. ކުރީން އަޅުގަނޑު ގަސްދު ކޮށްގެން ހުރީ އަޅުގަނޑުގެ މީހުންކޮޅެއް މަނިކުފާނުގެ އަރިހުގައި ބައިތިއްބާން ކަމަށެވެ. ނަމަވެސް، މިހާރު އަޅުގަނޑަށް ފެންނަނީ އަޅުގަނޑުގެ އިތުރު އެހީއަކަށް މަނިކުފާނަށް ބޭނުންފުޅު ނުވާނެ ކަމުގައެވެ. އަޅުގަނޑަށް ހީ ވާ ގޮތުން، ވަށައިގެން ހުރި ރަށްރަށުގެ އަމީރުން ވެސް ދާދި އަވަހަށް މަނިކުފާނުގެ އަރިހަށް ޖަމާ ވެވަޑައިގަންނަވާނެއެވެ. މި ހަނގުރާމަ ނިމުމުން މުސްލިމުންގެ މުޅި ލަޝްކަރު އެނބުރި އަންނާނީ މި މަގުން ކަމަށާއި، މަނިކުފާނުގެ ރަޙުމަތްތެރީން ކަމުގައި ހިމެނުނު ބަޔަކާ މެދު އަޅުގަނޑުމެން ވެސް ޢަމަލު ކުރާނީ ރަޙުމަތްތެރީންގެ ގޮތުގައި ކަމަށް އެ ބޭފުޅުންގެ އަރިހުގައި ވިދާޅުވުމުގެ ހުއްދަ މަނިކުފާނަށް އެބައޮތެވެ. އަޅުގަނޑު ވަކި ވުމުގެ ކުރީން އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަމެވެ. މަޢާފު ކުރެއްވުމާއި ހިތްޕުޅު ހެޔޮ ކުރެއްވުން، ބަދަލު ހިއްޕެވުމަށް ވުރެ އެތައް ހާސް ބައެއް ރަނގަޅެވެ. އަޅުގަނޑު މި ވަކި ވަނީ މަނިކުފާނާ އަލުން ބައްދަލު ވުމުގެ އުއްމީދުގައެވެ."

عبدالواحد ރަންބީރާ ބަޣަލްގީރު ކުރައްވައި ސަލާމް ކުރެއްވުމަށް ފަހު، ރާމްނާތާ ދިމާޔަށް އަތްޕުޅު ދިއް ކޮށްލައްވަމުން ވިދާޅުވިއެވެ. "ރާމްނާތެވެ! މަނިކުފާނުގެ މަންޒިލް އަދި ވަރަށް ދުރެވެ. މަނިކުފާނުގެ މަންޒިލާ ދެމެދު ހުރަސް އަޅައިފައި ވާ އުނދަގޫތައް އަޅުގަނޑަށް ރަނގަޅަށް އިޙުސާސް ކުރެވެއެވެ. ނަމަވެސް މަނިކުފާނު އުއްމީދު ކަނޑުއްވައިނުލައްވާށެވެ. ވަގުތު ޖެހޭންދެން އިންތިޒާރު ކުރައްވާށެވެ."

އިރުކޮޅެއްގެ ފަހުން عبدالواحد އޭނާގެ އަރިހުގައި އައި ސަވާރުންނާ އެކު ދެކުނުފަރާތަށް ދަތުރުފުޅު ފަށްޓަވައިފިއެވެ. ރަންބީރާއި ރާމްނާތާ ދެ ބޭފުޅުން ތިއްބެވީ ރަށްބޭރުގައި އެއް ވެފައި ތިބި މީހުންތަކުގެ ތެރޭގައެވެ. عبدالواحد ގެ ލަޝްކަރު ހިރަފުހުގެ ވިލާތަކުގެ ތެރެޔަށް އޮބެމުންދާ މަންޒަރު ބައްލަވާށެވެ. ރަށުގެ މީހުން ބުނަމުން ގެންދިޔައެވެ. "އެ ލަޝްކަރުގެ އަމީރަކީ ދޭވަތާއެކެވެ."

+ + + +

عبدالواحد އަށް ހީފުޅު ކުރެއްވުނީ މުޅީން ރަނގަޅަށެވެ. ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުންނެކޭ އެއްގޮތަށް، ދެތިން ދުވަހެއްގެ ތެރޭގައި އެ ހިސާބުގަނޑުގެ އަމީރުން ވެސް ރަންބީރުގެ އަރިހަށް ވަޑައިގަންނަވާން ފަށްޓަވައިފިއެވެ. سلطان محمود غزنوی ހުންނެވީ ރަންބީރުގެ ފަހަތްޕުޅުގައިކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވައެވެ. سلطان محمود ގެ ލަޝްކަރު އެނބުރި އަންނާނީ އެ ސަރަޙައްދުން ކަމާއި، އޭރުން ސަލާމަތް ވާނީ ރަންބީރުގެ ނަޒަރުގައި ރަޙުމު ކުރުން އެކަށީގެންވާ ބަޔަކު ކަމުގައި ހިމެނުނު ބަޔަކުކަމުގެ ވާހަކަ ވަނީ އެތައް ހިސާބެއްގެ ދުރަށް ފެތުރި މަޝްހޫރު ވެފައެވެ. އެހެންކަމުން، ރަންބީރުގެ ރަޙުމަތްތެރިކަމަކީ ތިމާމެންގެ ސަލާމަތް ކަމުގައި ވާތީ، ރަންބީރު އެނބުރިވަޑައިގަތުމާ މެދު އުފާފުޅު ކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރާން ފަށައިފިއެވެ. ކޮންމެ އަމީރަކު ވެސް ޖޭކްރިޝަނަށް ނިހާޔަތަށް ކޯފާ ވެ އެއްޗެތި ވިދާޅުވެއެވެ. ބައެއް ބޭފުޅުން ރަންބީރުގެ އަރިހަށް ވަޑައިގަތުމުގެ ކުރީން ވަނީ އެ ބޭފުޅުންގެ ވަފާތެރިކަން ސާބިތު ކުރެއްވުމުގެ ގޮތުން ޖޭކްރިޝަން ހޯއްދެވުމުގެ މަސައްކަތްޕުޅު ވެސް ވަރުގަދަޔަށް ފަށްޓަވައިފައެވެ. އޭނާ ހައްޔަރު ކުރި މީހަކަށް އިނާމު ދެއްވާނެކަމަށް ވެސް ބައެއް އަމީރުން އިޢުލާން ކުރައްވައިފިއެވެ. ހަމަ އެޔާއެކު، މުޅި އެ ހިސާބުގަނޑުގައި ރަންބީރުގެ ކޮއްކޯފުޅު ޝަކުންތަލާ ހޯދުމުގެ މަސައްކަތް ހިނގައިގެންފިއެވެ.

ޖޭކްރިޝަނާ މާ ބޮޑަށް ގުޅިވަޑައިގަތުމުގެ ސަބަބުން ތަންކޮޅެއް ބޮޑަށް ބަދުނާމު ވެފައި ތިއްބެވި ބައެއް ބޭފުޅުން ވެސް ތިއްބެވިއެވެ. ރަންބީރުގެ ފަރާތްޕުޅުން ރަނގަޅު ގޮތެއް ފެނިވަޑައިގަންނަވާނެކަމުގެ އުއްމީދެއް ނެތް ބޭފުޅުން ސަރަޙައްދު ދޫ ކުރައްވައި އެހެނިހެން ތަންތަނަށް ވަޑައިގެންފިއެވެ.

ރަންބީރު އޭނާގެ އަރިހަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލު ކުރައްވަނީ ބޭރުފުށުން ފިސާރި ތަނަވަސް ހިތްޕުޅަކާ އެކުގައެވެ. ނަމަވެސް ރާމްނާތާ ދެ ބޭފުޅުންނަށް ގިނިކަންޏާ ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ކޮންމެ ފަހަރަކު އޭނާ ވިދާޅުވެއެވެ. "ރާމްނާތެވެ! މީގެ ތެރެއިން އެކަކު ވެސް އަޅުގަނޑަކަށް ނޯޅެއެވެ. މިއީ ހައްތާ ވެސް އަރަމުންދާ އިރަށް އަޅުކަން ކުރާ މީހުންނެވެ. އަޅުގަނޑުގެ ބައްޕާފުޅު އަވަހާރަ ކޮށްލެވުނީ އެބައިމީހުންގެ ކުރިމަތީގައެވެ. އަޅުގަނޑާ މުސީބާތެއް ކުރިމަތި ވި ދުވަހު އެބައިމީހުން އުޅުނީ ޖޭކްރިޝަން އުފާ ކުރުވުމަށް ޓަކައި އަޅުގަނޑު ހައްޔަރު ކުރާން ވެގެންނެވެ. މިއަދު އެންމެން އަޅުގަނޑުގެ ރަޙުމަތްތެރީން ކަމުގައި ހެދިގެން އެ އުޅެނީ ޖޭކްރިޝަން ބަލިފުޅު ވުމުންނެވެ."

ޝަކުންތަލާއާ މެދު ރަންބީރުގެ އުއްމީދު ދުވަހެއް ދުވަހަކަށް ދިޔައީ ގެއްލެމުންނެވެ. ރަންބީރު ކޮންމެ ދުވަހަކު ވެސް އަސްވާރުންގެ ބަޔަކާ އެކު ހެނދުނު ނުކުމެވަޑައިގެން، އެތަންމިތާނގައި ދަތުރު ކުރައްވައެވެ. ޚަބަރު ބައްލަވަމުން ގެންދަވައެވެ. ވަޑައިގަންނަވާ އަވަށްއަވަށުގެ މީހުން އޭނާއާ ބައިވެރި ވެއެވެ. ހަވީރު ވުމުން އޭނާ ގެއަށް ވަޑައިގަންނަވަނީ އަމިއްލަ ހިތްޕުޅަށް ތަސައްލީ ދެއްވަމުންނެވެ. "ޝަކުންތަލާ ވެސް ގެންދަވާނީ ރަށުގެ ޚަބަރު ބައްލަވަމުންނެވެ. އަހަރެން އެނބުރި އައި ޚަބަރު ލިބިވަޑައިގަތުމާ އެކު ޝަކުންތަލާ ރަށަށް ވަޑައިގަންނަވާން އުޅުއްވާނެއެވެ. މިއަދު އަހަރެން ގެއަށް ދާ އިރު ޝަކުންތަލާ ގޭގެ ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައި ހުންނެވުމަކީ ވެސް ދުރު ކަމެއް ނޫނެވެ." ނަމަވެސް ގަނޑުވަރަށް ވެދެވަޑައިގަތުމާ އެކު، އޭނާގެ ހިތްޕުޅަށް ލިބެނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް އެ ހިސާބުގަނޑުގެ ޤަދަރުހުރި ދެތިން ބޭފުޅުން އޭނާގެ މެހުމާނުންގެ ގޮތުގައި އެ ގަނޑުވަރުގައި ތިއްބަވައެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ޝަކުންތަލާގެ މައްސަލައިގައި އެ ބޭފުޅުންގެ ފިކުރުފުޅު ރަންބީރަށް ވުރެ ވަކި ކުޑައެއް ނޫންކަން ހާމަ ކުރެއްވޭތޯއެވެ.

ޖޭކްރިޝަންގެ ދަރިކަނބަލުން ނިރުމަލާއާ މެދު ރަންބީރު ޢަމަލު ކުރައްވާ ގޮތް، އެ ހިސާބުގަނޑުގެ މީހުން ހީކުރި ގޮތާ މުޅީން ތަފާތެވެ. ގަނޑުވަރަށް ޙަމަލަ ދެއްވި ދުވަހު ބައްދަލު ވެވަޑައިގެންނެވި ފަހުން، ރަންބީރު ދެވަނަ ފަހަރަކަށް ނިރުމަލާއާ ބައްދަލު ކުރައްވާކަށެއް ނުއުޅުއްވައެވެ. ގަނޑުވަރުގެ މަތީބުރި ދެއްވައިފައި ވަނީ އެ ދެމައިކަނބަލުންނަށެވެ. އެ ބޭފުޅުންގެ އަމުރުފުޅާ ނުލައި އެއްވެސް ނޯކަރަކު ވެސް މަތީބުރިޔަށް ދާކަށް ރަންބީރުގެ އަމުރުފުޅެއް ނޯވެއެވެ. ރަންބީރާއި ރާމްނާތާ ދެ ބޭފުޅުން ތިއްބަވަނީ ތިރީބުރީގެ އެއް ފަރާތެއްގައި ހުންނަ ދެ ކޮޓަރީގައެވެ. އެ ބޭފުޅުން ކޮޓަރިއަށް ވަޑައިގަތުމަށް ޓަކައި ބޮޑު ކޮޓަރީގެ ބަދަލުގައި ބޭނުން ކުރައްވަނީ ވެސް ބޭރުގައި އޮންނަ ކުޑަ ފެންޑާއެކެވެ. ބޮޑު ކޮޓަރިއަށް ހުޅުވޭ ދޮރު އާއްމުކޮށް ހުންނަނީ ބަންދު ކޮށްފައެވެ. އެހެންކަމުން، ދެ ކޮޓަރި ފިޔަވައި މުޅި ގަނޑުވަރު ހުންނަނީ ޢަމަލީ ގޮތުން ނިރުމަލާއަށް ދޫ ކޮށްލައްވައިފައެވެ. މެހުމާނުން ތިބޭ ބަޔާއި ބައްދަލު ކުރާ ކޮޓަރި ހުންނަނީ ގަނޑުވަރާ މުޅީން ވަކީންނެވެ.

ރަށް ހިއްޕެވިތާ އަށްވަނަޔަށް ވީ ދުވަހު ހަވީރު ރަންބީރު ދުވާލު ހަތަރުދަމު ޝަކުންތަލާ ހޯއްދަވާން މަސައްކަތް ކުރައްވައިފައި އެނބުރި ވަޑައިގެންނެވި އިރު، ގަނޑުވަރުގެ ދޮރުމަތީގައި ސާދޫއެއް ހުއްޓެވެ. ރަންބީރަށް އޭނާ ފެނިވަޑައިގަތުމާ އެކު އެއީ ކާކުކަން އެނގިވަޑައިގެންފިއެވެ. އެއީ ޝަމްބޫނާތެވެ.

(ނުނިމޭ)