ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރު ކުރަމުން ދަނިޔޮށް ދިޔަވެ ބުދަ ދުވަހުގެ ދަންވަރު އަޑިޔަށް ދިޔަ "ފްރެންޑް 4" ދޯނި ބަންޑުން ޖަހާލައި އެއިން ގެއްލުނު ތިން މީހުން ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން އާއި ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފުލުހުސް އޮފިސަރު އަލީ ނާފިއު އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް “SA038, SA037”ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން އެ ތިން މީހުން އަދި ފެނިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް، ކަނޑުގަދަވެ ރާޅު ދޯނި ތެރެޔަށް އަރަން ފެށުމުން ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން ވަނީ ސަލާމަތީ ބާރުތަކުގެ އެހީއަށް އެދިފައެވެ. އެއާއެކު، ގއ. ވިލިނގިލީގައި ތިބޭ ފުލުހުންގެ ޓީމަކާއި ގދ. ތިނަދޫން ސިފައިންގެ ޓީމެއް އެތަނަށް ގޮސް، އުޅަނދު ސަލާމަތް ކުރެވޭތޯ ބެލިއެވެ. އެ މީހުން ދިޔައީ ދިޔަ ހިއްކުމަށް ބޭނުންވާ ޕަމްޕުވެސް ހިފައިގެންނެވެ.

ފުލުހުންނާއި ސިފައިންގެ ޓީމުން ގޮސް ފުރަތަމަ ސަލާމަތްކުރީ ދޯނީގައި ތިބި ފަޅުވެރީންނެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންނެވެ. ދޯނީގެ ދިޔަ ހިއްކުމަށް ދޯނީގައި އެ ވަގުތު ދެ ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހަރަކާތްތެރިވަމުން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުނި ގޮތުގައި ކުއްލިއަކަށް ދޯނި އަރިއަޅާލައި އަޑިއަށް ދިޔައީ ކަމަށެވެ. އެއިރު ގެއްލުނު ތިން މީހުންގެ އިތުރުން އިތުރު ފުލުހަކުވެސް ދޯނީގައި ހުރި ކަމަށާއި ދޯނި އަޑިއަށްދާން ފެށުމުން އެ މީހާ މޫދަށް ފުންމައިލީ ކަމަށެވެ.