ހަލާލް ޓޫރިޒަމް ތައާރަފުކުރުން ހިމެނޭހެން، 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްގީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ތިން ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަށްތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ހިދުމަތްތައް ދިނުމުގެ އިތުރުން، މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރުން ލާޒިމުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ އުތުރުގެ އަތޮޅުތަކުން 10 ފަޅެއް ރިސޯޓު ތަރައްގީކުރަން ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހއ. މާދުނި ފަރުން ތިން ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން ހަތަރު ފަޅު، އަދި ށ. ގޮނާ ފަރުން ތިން ފަޅު ހިމެނެއެވެ. އެއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި، މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓަކީ އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ބީލަމަށް ހުޅުވާލާފައިވާ އިރު، ށ. ނަލަންދުއަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނ. ފަރުމުލިއަކީ މި ބުރުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ސަރަހައްދެވެ. އެ ރަށުގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިޔަން ޑޮލަރެވެ.
އެ ހުރިހާ ސަރަހައްދެއްގައި ވެސް ބިން ހިއްކައިގެން ރިސޯޓު ތަރައްގީކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މަޝްރޫއު ނިންމަން 36 މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއްވެސް ވަނީ ހަމަޖައްސާފައި ކަމަށާއި އެގޮތުން އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 ޕަސަންޓް އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް 20 ޕަސަންޓުގެ އިނާޔަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީހުތަކެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
ކޮމެންޓް